މާބަނޑު މީހަކު ވިހޭ ކުއްޖާގެ ބޯވަކިވީ ބަނޑަށް މަރުވެފައި އޮއްވާ ކުއްޖާ ވިއްސުމުގެ ތެރޭގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން އެހެން ބުނީ އެ ހޮސްޕިޓަލުގައި ރޭ މާބަނޑު މީހަކު ވިއްސުމުގެ ތެރޭގައި ބަނޑުގައި އޮތް ދަރިފުޅުގެ ބޯ ވަކިވެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަށް ދެއްކިއިރު ވެސް ބަނޑަށް މަރުވެފައިވާ ކުއްޖެއް، ވިއްސުމުގެ ތެރޭގައި ބޯ ވަނީ ވަކިވެފައިވާ ކަމަށެވެ. އެހެން ދިމާވެފައި ވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ގިނައިރުތަކެއް ވެފައިވާތީ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ ބަލި މީހުންގެ ތަފްސީލީ ސިއްހީ މައުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަށް ވުމުގެ އިތުރުން އެ މައްސަލައާ ބެހޭ ނޫސް ބަޔާނުގައި ހިމަނާފައިވާ މިންވަރަށް ވުރެ އިތުރަށް ހާމަނުކުރުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށެވެ.
އެހެން ކަމުން އާއިލާގެ ހުއްދާއެކު ނޫސްބަޔާނުގައި ހާމަކޮށްފައިވާ މައުލޫމާތުގެ އިތުރުން އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ އެވާހަކަ ނޫސްތަކާއި ސޯޝަލް މީޑިއާގައި ނުދެއްކުމަކީ އާއިލާގެ އެދުމެއް ކަމަށް އާއިލާގެ ފަރާތުން ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަރުވެފައިވާ ކުއްޖާގެ ބައްޕަ ބުނެވެފައިވާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާގެ އެދުމަށް އިހްތިރާމް ކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.