2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން އަދިވެސް މަޑުޖެހިފައި ނުވާ 4 ސަބަބެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ސައެންޓިސްޓް ޑރ ސޯމްޔާ ސްވާމިނޭތަން ވިދާޅުވެދެއްވައިފިއެވެ.

ޑރ ސްވާމިނޭތަން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން އަދިވެސް މަޑުޖެހިފައި ނުވާ ކަމަށެވެ. ޑަބްލިއުއެޗްއޯގެ 6 ސަރަހައްދުގެ ތެރެއިން 5 ސަރަހައްދެއްގައި ކޭސް އިތުރުވަމުން އަންނަ ކަމަށާ، މި ބަލީގައި މީހުން މަރުވާ ނިސްބަތް، އެފްރިކާގައި އިތުރުވަމުން ގޮސް، 40 ޕަސެންޓަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޑރ ސްވާމިނޭތަން ވިދާޅުވާ ގޮތުގައި ބަލިމަޑުކަން ކޮންޓްރޯލް ނުވުމުގެ ސަބަބުތަކުގެ ތެރޭގައި، ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓް، ބަލިމަޑުކަމާއެކު ސިއްހީ ނިޒާމާ އެނޫންވެސް ނިޒާމުތައް "ވަރުބަލިވެ އިނދަޖެހިފައި" އޮތުން، ޖިސްމާނީ ގައިދުރުކަން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރުން، އަދި ވެކްސިނުން ދިފާއު ހޯދުމަށް ހިންގާ ކެމްޕޭންގެ ލަސް ދުވެލި ހިމެނެއެވެ.

ކޮވިޑް ވެކްސިން ކެމްޕޭންތަކުގެ ސަބަބުން ބަލިޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ސީރިއަސް ފައްތަރެއްގައި ބަލަހައްޓަންޖެހޭ ޕޭޝަންޓުންގެ އަދަދު، ބައެއް ސަރަހައްދުތަކުގައި ދަށްވި ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް އޮކްސިޖަން ސަޕްލައިގެ ދަތިކަމާ، ހޮސްޕިޓަލް އެނދުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަން، ބްލޫމްބާގަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ސްވާމިނޭތަން ވަނީ ފާހަގަ ކުރައްވާފައެވެ.

ނަންބަރުގެ ގޮތުން ކޭސްތަކުގެ އަދަދުތައް މަދުވާން ފެށުމާއެކު، މި ދަނޑިވަޅަކީ ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، ބޯޑަރުތައް ހުޅުވާލަމުން އަންނަ ދަނޑިވަޅެކެވެ. ނަމަވެސް، މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ މި ހަފުތާ ތެރޭގައި ގައުމުތަކަށް އިންޒާރު ކޮށްފައެވެ. ބޯޑަރުތައް ހުޅުވާލާއިރު، ކުރިން ހާސިލުވި ކާމިޔާބީތައް ގުރުބާން ނުކުރުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ދީފައެވެ.

ކޮވިޑް ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4 މިލިއަންގެ ފާހަގަ ހުރަސްކޮށްފައެވެ.