ކޮވިޑް-19 އާއި ގުޅިގެން އެޑްމިޓްކޮށްގެން ފަރުވާދޭ އެއްވެސް މީހެއް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން އެހެން ބުނެފައިވަނީ ކޮވިޑާ ގުޅިގެން އެޑްމިޓްކުރި ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާ ކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކައާ ގުޅިގެން އެހޮސްޕިޓަލުން ކުރި ޓްވީޓެއްގައެވެ.

އެގޮތުން އައިޖީއެމްއެޗުން ބުނީ ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ވެސް ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

ކޮވިޑްގައި ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް އަންހެނަކާ، އޭނާގެ ބަނޑަށް ހަތް މަހުގައި ނަގަން ޖެހުނު ދަރިފުޅުގެ ހޮސްޕިޓަލް ބިލަށް ތިން ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރި÷ޯޓުކުރިއެވެ.

ކޮވިޑްގެ މި ހާލަތުގައި ރާއްޖޭގައި ދިވެހިންނާއި ބިދޭސީންނަށް ވެސް ތަފާތުކުރުމެއްނެތި ހިދުމަތްތައް އަންނަނީ ދެމުންނެވެ. އެގޮތުން ބިދޭސީންނަށް ވެސް އެއްވެސް އަގެއް ދިނުމަކާ ނުލާ ވެކްސިން ޖެހުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.