މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތަށިމުށި ކަފަން ބޭނުން ކުރާ ގްރޭންޑަރެއްގެ ބުރެއް ފަޅައިގެން ގޮސް ކަރުގައި ޖެހި ޒަހަމްވި ށ. ކަނޑިތީމު މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސް އޮޕަރޭޝަން ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެ މީހާ ވަނީ އިންޑިއާ އަށް ފޮނުވާލާފައި ކަމަށާއި ރޭ ގެ ވަގުތެއްގައި ވަނީ އޮޕްރޭޝަން ކޮށްފައި ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ރާއްޖެއިން ބޭރަށް އެ މީހާ ފޮނުވާލީ ހޮސްޕިޓަލުގައި ހެދި ޓެސްޓުތަކުން ގްރައިންޑަރުގެ ތިލައިގެ އެތިކޮޅެއް ހަށިގަނޑަށް ވަދެފައި ވާ ކަން ފާހަގަވެ އެ އެތިކޮޅު ނެގުމުގެ އޮޕަރޭޝަން އައިޖީއެމްއެޗުގައި ކުރެވެން ނެތުމުންނެވެ.

މީގެ ކުރިން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ކަރުގައި ބުރުން ޖެހުމުގެ ސަބަބުން ކަރުން ކަފައިގެން ދިއައީ ކިހާތަނެއް ކަން ވިދާޅުވާން ދަތިވި ނަމަވެސް ފުދޭވަރަކަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

މިކަން ހިނގާފައި ވަނީ މުށިޖަހަން ވެގެން މުށި ކަފަން އުޅުމުގެ ތެރޭގައި ގްރޭޑްޑަރުގައި ހަރުކޮށްފައިވާ ދަގަނޑު ބުރު ފަޅައިގެން ގޮސް ކަރުގައި ޖެހިގެންނެވެ.

ޒަހަމްވި މީހާއަށް އެ ވަގުތު ކަނޑިތީމު ސިއްހީ މަރުކަޒުގައި ފަރުވާދިނެވެ.

އޭގެ ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މިދިޔަ ހޯމަ ދުވަހު ވަނީ ހަނިމާދޫ މަގުން މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވަާދީފައެވެ.