ބަންގްލަދޭޝްގައި ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މަރުވި މީހުންގެ އަދަދު 53 އަށް އަރާފައި ވާ ކަމަށް، އެ ގައުމުގެ ފުލުހުން މިއަދު ބުނެފިއެވެ.

ވެރިރަށް ޑާކާގެ 25 ކިލޯމީޓަރު އިރުން އޮންނަ ރޫޕްގަންޖުގައި ހިންގާ ކާރުހާނާގައި އަލިފާނުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭގެ ފަހުން 24 ގަޑިއިރު ވީ އިރުވެސް، އަލިފާންގަނޑު އަނދަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގައި ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި ޖުލައި 8، 2021 ވަނަ ދުވަހު ރޯވި އަލިފާންގަނޑު 24 ގަޑިއިރު ވީ އިރުވެސް އަނދަނީ / ފޮޓޯ: އަލްޖަޒީރާ

މި ހާދިސާގައި 30 މީހަކު ޒަހަމްވެފައި ވާއިރު، އެމީހުންނަކީ އިމާރާތުގެ އުސް ހިސާބުތަކުން ފުންމާލި މީހުން ކަމަށް ހަބަރު ލިބެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އިމާރާތުގެ ތެރޭގައި ތިބީ ކަނޑައެޅިގެން ކިހާ ބައެއްކަމެއް އަދިވެސް ކަށަވަރެއް ނުވެއެވެ. ނަމަވެސް ކާރުހާނާގެ ބޭރުގައި ތިބި އާއިލާ މެންބަރުންނާއި އެހެން މުވައްޒަފުންގެ ވާހަކަތަކަށް ބަލާއިރު، ފުރާނަ ސަލާމަތް ނުވި އިތުރު ބަޔަކު ވާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ބަންގްލަދޭޝްގައި ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި ޖުލައި 8، 2021 ވަނަ ދުވަހު ރޯވި އަލިފާންގަނޑު 1 ދުވަސް ވީއިރުވެސް ކޮންޓްރޯލް ނުވޭ / ފޮޓޯ: އަލްޖަޒީރާ

ރައްކާތެރި ކަމުގެ ފިޔަވަޅުތައް އިންތިހާއަށް ދަށް ބަންގްލަދޭޝްގެ އިމާރާތްތަކުގައި މިފަދަ ވަރުގަދަ އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. އަދި މިފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މި ދުނިޔެއާ ވަކިވެދެއެވެ. ފެބުރުއަރީ 2019 ގައި، ޑާކާގެ އެޕާޓްމަންޓް ބްލޮކްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 70 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.