ނުރައްކާތެރި ޒިކާ ވައިރަހުގެ ކޭސްތަކެއް ފެނި، އަވަށްޓެރި އިންޑިއާގެ ކެރަލާ ސްޓޭޓްގެ ހުރިހާ ޑިސްޓްރެކްޓެއް އެލާޓަށް ގެނެސްފިއެވެ.

ކެރަލާ ސްޓޭޓްގެ ސިއްތަހާ ބެހޭ އިދާރާތަކުން، އެ ސްޓޭޓްގެ ހުރިހާ ޑިސްޓްރިކްޓެއްގައި އެލާޓް އިއުލާން ކޮށްފައި ވަނީ، ޒިކާ ވައިރަހުގެ 15 ކޭހެއް ފެނިގެން ކަމަށް ހަބަރު ލިބެއެވެ.

ކެރަލާ ސްޓޭޓްގެ ހެލްތު މިނިސްޓަރު، ވީނާ ޖޯޖް ވަނީ، ޓްރިވެންޑްރަމް ޑިސްޓްރިކްޓްއިން ޒިކާ ވައިރަހުގެ ކޭސްތަކެއް ފެނިފައި ވާ ކަން، ކަށަވަރު ކޮށްދެއްވާފައެވެ.

2016 އަދި 2017 ވަނަ އަހަރު، އިންޑިއާގެ ގުޖުރާތު ސްޓޭޓްގައިވެސް ޒިކާ ވައިރަހުގެ ބަލިމަޑުކަން ވަނީ ފެތުރިފައެވެ.

އާންމު ގޮތެއްގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ވައިރަހަކީ ތުއްތު ކުދިންގެ ސިކުނޑީގެ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރު ފޯރުވާ ވައިރަހެކެވެ. މީގެ އިތުރުން، ވަރަށް މަދުން ނޫނީ ނުފެންނަ އޮޓޯއިމިއުން ޑިޒީޒްއަކަށްވެސް މަގުފަހި ކުރާ ވައިރަހެކެވެ.

ޒިކާ ވައިރަސް ފެތުރޭ މައިގަނޑު މަސްދަރަކީ މަދިރި ކަމުގައި ވީ ނަމަވެސް، މިއީ ޖިންސީ ގުޅުމުގެ ޒަރިއްޔާއިންވެސް ފެތުރޭ ވައިރަހެކެވެ.

ޓްރިވެންޑްރަމްއިން މިހާރު ފެނިގެން އުޅޭ ޒިކާ ވައިރަހުގެ ކޭސްތައް މުޅިންވެސް ފެނިފައި ވަނީ، ސިއްހީ ހިދުމަތްތެރިންގެ ކިބައިން ކަމަށް މައުލޫމާތު ލިބެއެވެ.

ވަޒީރު ވީނާ ވިދާޅުވީ، އެންމެ ފުރަތަމަ ކޭސް ފެނުނީ، އުމުރުން 24 އަހަރުގެ މާގަނޑު މީހެއްގެ ހަށިގަނޑުން ކަމަށެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށާ، އޭނާގެ ދަރިފުޅު އުފަންވެފައިވަނީ އާންމު ޑެލިވަރީއެއްގެ ގޮތުގައި ކަމަށާ، އެ އަންހެން މީހާއަކީ ސްޓޭޓުން ބޭރަށް ދަތުރު ކޮށްފައި ވާ މީހެއް ނޫން ކަމަށްވެސް ވީނާ ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ މޫސުމީ ވިއްސާރައިގެ ދުވަސްވަރު ކަމުން، މަދިރި އުފެދި އާލާވުމުގެ ފުރުސަތު ބޮޑު ކަމަށް، ނޫސްވެރިންނާ މިއަދު ވާހަކަދައްކަވަމުން ވީނާ ވަނީ ވިދާޅުވެފައެވެ.

ޒިކާ ވައިރަހުގެ އަސަރު ކުރާ މީހުންގެ ތެރެއިން މި ދުނިޔެއާއި ވަކިވަކީ ނިސްބަތުން މަދު އަދަދެއްގެ ބައެކެވެ. ވައިރަހުގެ އަސަރު ކުރާ މީހުންގެ ތެރެއިން، ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ފެންނަނީ ކޮންމެ 5 މީހެއްގެ ތެރެއިން 1 ގެ ހަށިގަނޑުންނެވެ. ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ރަތް ބިހިގަނޑެއް ފެތުރުން އަދި ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ.

ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ޔޫގާންޑާގެ ޖަންގަލިތަކުގައި އުޅުނު ރާމާމަކުނުތަކެއްގެ ހަށިގަނޑުން، 1947 ވަނަ އަހަރުއެވެ. ތަފާތު ވައިރަހެއްގެ ގޮތުގައި މި ވައިރަސް ކަނޑައެޅި، 1952 ވަނަ އަހަރުއެވެ. 1953 ވަނަ އަހަރު، އިންޑިއާގައި ޝާއިއު ކޮށްފައި ވާ ކަރުދާހެއްގައި، އިންޑިއާއިން ގިނަ އަދަދެއްގެ ބަޔަކު މި ވައިރަހަށް ހުށަހެޅިފައި ވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ޒިކާ ވައިރަހަށް އިންފެކްޓްވާ ޕޭޝަންޓުންނަށް ދޭނެ ވަކި ފަރުވާއެއް އަދިވެސް ނެތެވެ.