އާދަޔާ ހިލާފަށް އުސް އިމާރާތް ނުވަތަ ސްކައިސްކްރޭޕާޒް އެޅުން، ޗައިނާއިން މަނާކޮށްފިއެވެ.

އުސް އިމާރާތްތައް އިންތިހާއަށް ގިނަ ޗައިނާއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ، އެ ފަދަ އިމާރާތްތަކުގެ ސަލާމަތްތެރިކަމާއި ފެންވަރާ މެދު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެއެވެ.

ޗައިނާގެ ސަރުކާރުން ވަނީ، ކުރިއަށް އޮތް ތަނުގައި އަޅާ އިމާރާތްތައް، 500 މީޓަރަށް ވުރެ އުސް ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. ޗައިނާގެ ނޭޝަނަލް ޑިވަލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން (އެންޑީއާރްސީ) އިން ވަނީ، 500 މީޓަރަށް ވުރެ އިސްކޮށް އިމާރާތްތައް އެޅުމަށް ދެން އެއްވެސް ވަރަކަށް ހުއްދަ ނުދޭނެ ކަމަށް ބުނެފައެވެ.

250 މީޓަރަށް ވުރެ އުސްކޮށް އަޅާ އިމާރާތަކުގެ އަދަދުވެސް މަދު ކުރަން ނިންމާފައި ވާއިރު، 100 މީޓަރަށް ވުރެ އުސްކޮށް އަޅާ އިމާރާތްތަކަކީ ވަރަށް ގާތުން ވިލަރެސް ކުރަމުންދާނެ ތަންތަން ކަމަށް ޗައިނާއިން ބުނެއެވެ. އެގޮތުން 100 މީޓަރަށް އުސްކޮށް އަޅާ އިމާރާތްތައް ހުންނަ ސަރަހައްދުތަކާ، އަލިފާނުގެ ހާދިސާތަކުގައި ސަލާމަތްވާނެ އިންތިޒާމުތައް ހަމަޖެހިފައި ވާގޮތް، ފަދަ ކަންކަމަށް ރިއާޔަތް ކުރުމަށްވެސް ޗައިނާއިން ވަނީ ކަނޑައަޅާފައެވެ.

ސަލާމަތީ ސަބަބުތަކުގެ އިތުރުން، އެންޑީއާރްސީގެ ނިންމުމުގެ ފަހަތުގައި، އޮފީސް އިމާރާތްތަކުގެ ސަޕްލައި، އާދަޔާ ހިލާފަށް އިތުރުވުންވެސް ހިމެނެއެވެ.

ޗައިނާއަކީ އުސް އިމާރާތްތަކަށް މަޝްހޫރު ގައުމެކެވެ. ދުނިޔޭގައި މިވަގުތު ލިސްޓު ކޮށްފައި ވާ އެންމެ އުސް 100 އިމާރާތުގެ ތެރެއިން 44 އިމާރާތް ހުރީ ޗައިނާގައެވެ. 500 މީޓަރަށް ވުރެ އުސް އިމާރާތްތަކަށް ބަލާއިރު، މި ފަދަ 10 އިމާރާތުގެ ތެރެއިން 5 އިމާރާތް ހުރީ ޗައިނާގައެވެ.