ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން ދެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުލިއާގެ ކައިރިއަށް ދެމީހަކު ފޮށިގަނޑަކާއި ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެދެމީހުން ހިފަހައްޓާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ދެ މީހަކު އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އެ 2 މިހީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު އެމީހުން ފުރަތަމަ އުޅުނީ ފޮށިގަނޑު ބަހައްޓާފައި ދުވެފިލަން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސިފައިން އެމީހުން ހިފަހައްޓާ ސުވާލުކުރުމުން އެ ފޮށިގަނޑުގައި ބޮމެއް އޮންނާނެ ކަމަށާ، ގޮއްވާލާނެ ކަމަށް ބުނީ ކަމަށް ވެއެވެ.

މިކަން ފުލުހުން ކަށވަރުކޮށެއް ނުދެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. އަދި ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް ވާހަކަދައްކާ މީހުން ދަނީ ހައްޔަރުކުރަމުންނެވެ.

މުލިއާގެ ސަރަހައްދުގާ ސެކިއުރިޓީވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.