ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް 29 ރަށަކަށް މިހާރު ވެސް އަރާ ފޭބުން މަނާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިމުނަށް ސަރުކާރުން ނިންމާފައިވާ އިރު މޮނިޓަރިން ހާލަތުގައި ނުހިމެނޭ ރަށްރަށަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް އިއްޔެ ވަނީ ލުއި ދީފައެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ދިން ލުއިގެ ދަށުން، އެ މީހުން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ ނަމަ، ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މޮނިޓަރިންގައި ނެތް ރަށްތަކަށް ދަތުރުކުރެވޭނެއެވެ.

މިއަދު އެޗްޕީއޭ އިން ބުނީ މިހާރު މޮނިޓަރިންގެ ހާލަތުގައި 29 ރަށެއް އެބަ އޮތް ކަމަށެވެ.

މޮނިޓަރިންގެ ހާލަތު އޮތް 29 ރަށަކީ ހއ. ދިއްދޫ، ހދ. ހަނިމާދޫ، ނ. މިލަދޫ، ނ. ވެލިދޫ، ރ. ފައިނު، ރ. އަލިފުށި، ރ. ދުވާފަރު، ރ. މީދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، އއ. ތޮއްޑޫ، އދ. މާމިގިލި، މ. މުލި، ފ. ފީއަލި، ލ. އިސްދޫ، ގއ. ވިލިގިލ، ގއ. ކޫއްޑޫ، ގއ. މާމެންދޫ، ލ. މާވަށް، ލ. ކަލައިދޫ، ލ. ގަން، ލ. ފޮނަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ތިނަދޫ، ގދ. ގައްދޫ، ޏ. ފުވައްމުލަކު ގެ އިތުރުން އައްޑޫ ހިތަދޫ، ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫއެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭތީ އެ މީހަކު ހުރި ރަށެއްގެ ޕޮޒިޓިވިޓީ ރޭޓް ފަހަކުން ދަށް ނަމަ އެވެ. މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމުން، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެއެވެ.

އެކަމަކު ޕޮޒިޓިވިޓި ރޭޓް ފަހަކުން މައްޗަށް ގޮސްފި ނަމަ، ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި އެ ރޭޓް 10 އަކުން މައްޗަށް ގޮސްފި ނަމަ، މިވަގުތު ފުރިހަމަކުރަމުންދާ ގޮތަށް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭނެއެވެ.