އިއްޔެ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެ މީހަކު އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ ބަންދުން ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެ މީހަކު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

އަދި އެމީހުން ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރެވޭ ތުހުމަތުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވާ ތިން މީހަކު އިއްޔެ ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމިއެވެ. ނަމަވެސް ފަހުން ޕީޖީން ބުނީ އެ 3 މީހުންނަކީ ހަމަލާއާ ގުޅުން ހުރެގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ 3 މީހުން ކަމަށެވެ.

އެ ތިން މީހުންނަކީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަން ތަކުގައި ހައްޔަރުކުރި މީހުން ކަމަށާއި ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލައާ ގުޅިގެން ހައްޔަރު ކުރި އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވަނީ ވިދާޅުވެފައެވެ.

ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ މި ތިން މީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަކީ ހަމަލާއާ ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމެވެ.އެއީ، ފުލުހުން މީގެކުރިން ވަނަވަރު ހާމަކޮށްފައިވާ ފަސް މީހުންނާއި މިއަދު ދޫކޮށްލި ތިން މީހުންނެވެ.

ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެއެވެ. މި ހަތަރު މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ.