ސައެންސްއާއި ޓެކްނޮލޮޖީގެ ހޮޅުއަށިތަކުގައި މިވަގުތު އެންމެ އޮލަކޮށް ދެކެވެމުން އަންނަ އެއް ވާހަކައަކީ، މަޝްހޫރު މަހުޖަނުން ކަމަށްވާ ޖެފް ބޭޒޯސް، އީލޯން މަސްކް އަދި ރިޗާޑް ބްރޭންސަން، ވިޔަފާރި އުސޫލުން ޖައްވަށް ކުރަން އުޅޭ ތާރީހީ ދަތުރުތަކުގެ ވާހަކައެވެ.

ޓިކެޓް

ބޭޒޯސް، ބްރޭންސަން އަދި މަސްކްވެސް ދަނީ، ޖައްވީ ފަތުރުވެރިކަން ފެށުމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދު ކުރަމުންނެވެ. ކޮންމެ މީހަކުވެސް ވައުދުވަނީ، އެމީހުންގެ ކަސްޓަމަރުން ޖައްވަށް އުފުލާ ދިނުމަށެވެ. ނަމަވެސް، މިއީ ކޮންމެ ކޮންމެ މީހެއްގެ ޖީބުން ހަލާސްކޮށްލެވޭނެ އަގެއްގައި ޓިކެޓް ވިއްކާ ދަތުރެއް ނޫނެވެ.

އެމެރިކާގެ ޖައްވީ އިދާރާގެ ތާރީހީ ދަތުރުގެ ކާމިޔާބު ފެށުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ބާނީ އަދި މަހުޖަނު އީލޯން މަސްކް (މ) އުފާފާޅުކުރަނީ/ފޮޓޯ: އާކައިޑް

ބްރޭންސަންގެ ވާޖިން ގެލެކްޓިކުން ވަނީ، މިހާރުވެސް 600 އަށް ވުރެ ގިނަ ޓިކެޓްގެ ރިޒަވޭޝަން ލިބިފައި ވާ ކަމަށް ބުނެފައެވެ. މިއިން އެންމެ ޓިކެޓެއްގެ އަގަކީ، ގާތްގަނޑަކަށް، 250000 އެމެރިކާ ޑޮލަރެވެ. ވިޔަފާރި އުސޫލުން 2022 ވަނަ އަހަރު އެންމެ ފުރިހަމަ ހިދުމަތް ދެވެން ފެށުމާއެކު، ޓިކެޓެއްގެ އަގު، 40000 ޑޮލަރަށް ތިރި ވާނެ ކަމަށް ބެލެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ބޭޒޯސްގެ ބްލޫ އޮރިޖިންއިން ޖައްވީ ފަތުރުވެރިއެއްގެ އަތުން ނަގާ ޓިކެޓް ފީއަކީ 200000 އެމެރިކާ ޑޮލަރެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި، އެ ކުންފުނީގެ އަގުތަކަށް ވާނެ ގޮތުގެ މައުލޫމާތެއް އަދި ލަފާ ކުރަން ދައްޗެވެ. ބޭޒޯސްއާއެކު ބްލޫ އޮރިންގެ ޖައްވީ އުޅަނދުގައި ކުރާ ފުރަތަމަ ފަތުރުވެރި ދަތުރުގައި، ނަން ހާމަ ނުކުރާ މެހެމާނަކު ބައިވެރިވެއެވެ. އޭނާ އެ ޖާގަ ކަށަވަރު ކުރީ ނީލަން އުސޫލުން، 28 މިލިއަން ޑޮލަރަށެވެ.

މަސްކުގެ ސްޕޭސްއެކްސް އިން މިހާރުވެސް ވަނީ ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް)އަށް ކުރޫއެއް އުދުއްސާފައެވެ. އެކުންފުނިންވެސް ދަނީ، އާންމު ފަރުދުން ޖައްވަށް އުދުއްސުމަށް ތައްޔާރު ވަމުންނެވެ. އެކުންފުނީގެ ސްޓާޝިޕް ރޮކެޓްގައި، ޖަޕާނުގެ މަހުޖަނު، ޔުސާކޫ މައެޒާވާ، ހަނދުވަށާ އުދުއްސާނެކަން މަސްކު އޮތީ ހާމަ ކޮށްފައެވެ.

މަޝްހޫރު މަހުޖަނު ޖެފް ބޭޒޯސް، އޭނާގެ ބްލޫ އޮރިޖިން ކުންފުނީގެ ޖަށްވީ އުޅަނދު ކައިރީގައި މަޑުކޮށްލައިގެން / ފޮޓޯ: ވަޔާޑް

ކުރޫއާއި ފަސެންޖަރުން އަދި ދަތުރު ވަނަވަރު

ވާޖިން ގެލެކްޓިކްގެ ޖައްވީ އުޅަނދަކީ 6 މީހުންގެ ޖާގައިގެ ޖައްވީ އުޅަނދެކެވެ. އެއީ 2 ކުރޫއިންނާއި 4 ފަސެންޖަރުންނެވެ. ބްލޫ އޮރިޖިންގެ ޖައްވީ އުޅަނދަކީ 6 ފަސެންޖަރުންގެ ޖާގައިގެ އުޅަނދަކަށް ވާއިރު، މި އުޅަނދަކީ އޮޓޯ-އުޅަނދެކެވެ. ކަން މިހެން އޮތްއިރު، ސްޕޭސްއެކްސްގެ އުޅަނދަކީ 7 މީހުން އުފުލޭ ވަރުގެ ޖައްވީ އުޅަނދެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ވާޖިން ގެލެކްޓިކްގެ ފްލައިޓަކީ، އުދުއްސާލާ ހިސާބުން ފެށިގެން އަނބުރާ ބިމަށް ދަތުރު ކުރުމާ ހިސާބަށް 90 މިނެޓް ހޭދަވާނެ ދަތުރެއް ކަމަށް ބުނެވެއެވެ. އަދި ހަށިގަނޑުގެ ބަރުދަން އެއްވެސް ވަރަކަށް އިހުސާސް ނުވާ އުސްމިނުގައި މިނެޓްތަކެއް ހޭދަ ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބްލޫ އޮރިޖިންގެ ފްލައިޓްގައިވެސް ބަރުދަން އިހުސާސް ނުވެ މިނެޓްތަކެއް ހޭދަ ވާނެ ކަމަށް ބުނާއިރު، މި ފްލައިޓްގެ ދިގު މިނަކީ، 10 މިނެޓް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދުނިޔެ ވައްވާ ހިސާބު ބަލާލުމުގެ ފުރުސަތު، މި ދަތުރުގެ ބައިވެރިންނަށް ލިބޭނެ ކަމަށްވެއެވެ.

މަހުޖަނު ރިޗާޑް ބްރޭންސަން ދަނީ، ޖައްވީ ދަތުރަށް ތަމްރީނު ވަމުން / ފޮޓޯ: ވާޖިން ގެލެކްޓިކް

އުދުއްސާލާ ހިސާބުން ފެށިގެން، އަނބުރާ ދުނިޔޭގެ ސަތަހައަށް ތިރި ކުރުމާ ދެމެދު، ސްޕޭސްއެކްސްގެ ފްލައިޓުން 3 ނުވަތަ 4 ދުވަސް ހޭދަ ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފަތުރުވެރިކަމުގެ އުސޫލުން ޖައްވީ ދަތުރުތައް ފެށުމަށް މި ބިލިއަނަރުން ދެކެމުން އަންނަ ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހެން މާ ގިނަ ދުވަހެއް ދެންނެތެވެ. ނަމަވެސް، މި ދެންނެވި 3 މަހުޖަނުންގެ ތެރެއިން، މި އަމާޒަށް އެންމެ ފުރަތަމަ ވާސިލުވެ، 1 ނަމްބަރު މެޑަލާއެކު ރޭސް ނިންމާނީ ކޮން މަހުޖަނެއްތޯ މިއީ، ހޫނު ބަހުސެއް ކުރަން ޖެހިފައިވާ މައުލޫއެކެވެ. އަދި މި ލިސްޓަށް އިތުރު މަހުޖަނުންތަކެއްގެ ނަން ލިޔެވިދިއުމުގެ ފުރުސަތުވެސް އިންތިހާއަށް ބޮޑެވެ.