ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަ ކުރަމުން އަންނަ، އަވަށްޓެރި އިންޑިއާގެ ބޮލީވުޑްގެ "ލެޖެންޑަރީ" ތަރި، ދިލީޕް ކުމާރު މަރުވެއްޖެއެވެ.

ހިތާމަވެރި ރޯލުތައް ކުޅުމުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ ދިލީޕް ކުމާރު ނުވަތަ އަސްލު ނަމުން ނަމަ، ޔޫސްފް ހާން މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި، އިންޑިއާގެ ފިލްމް ސިޓީ، މުމްބާއީގެ ހޮސްޕިޓަލެއްގައެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަހު ބޮލީވުޑްގައި މަސައްކަތް ކުރި ދިލީޕް ކުމާރުގެ ފިލްމީ ވަނަރަށް އަވަސް ކަޅިއެއް ހިންގާއިރު، ފާހަގަކޮށްލެވޭ، ކާމިޔާބު ފިލްމުތަކެއްގައި އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "މުގަލީ-އާޒަމް"، "ދޭވްދާސް" އަދި "ނަޔާ ދައުރު" ފާހަގަ ކޮށްލެވެއެވެ.

ބޮލީވުޑްގެ ރަން ޒަމާނުގައި، އެ ސިނާއަތުގައި ހަރަކާތްތެރި ދައުރެއް އަދާ ކުރި، ދިލީޕް ކުމާރު ވަނީ ނަރްގިސް އަދި ރާޖް ކަޕޫރާއެކު "އަންދާޒް"ގައި ވެސް މަސައްކަތް ކޮށްފައެވެ.

ދިލީޕް ކުމާރަކީ އިންޑިއާގައި ދޭ ފިލްމްފެއާ އެވޯޑް ފޮ ބެސްޓް އެކްޓާ އެންމެ ފުރަތަމަ ހާސިލު ކުރި ބަތޮލްވެސްމެއެވެ. 1954 ވަނަ އަހަރުގެ އެވޯޑަށް ފަހު، އޭނާ ވަނީ 8 ފަހަރެއްގެ މަތިން މި އެވޯޑް ހާސިލު ކޮށްފައެވެ. މީގެ އިތުރުން ދިލިޕް ކުމާރަކީ، އެންމެ ގިނަ އެވޯޑް ހާސިލު ކޮށްފައިވާ އިންޑިއާ ބަތޮލްގެ ގޮތުގައި، ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދާފައިވާ ފަންނުވެރިއެކެވެ.

އުމުރުން 98 އަހަރުގައި، ދިލީޕް ކުމާރު މި ދުނިޔެ ދޫކުރީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގައި ކަމަށް ޑރ ޖަލީލް ޕާކަރާ ހަވާލާދީ އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ހިންދޫޖާ ހޮސްޕިޓަލުގައި ދިލީޕް ކުމާރު އެޑްމިޓް ކުރެވުނީ، ނޭވާލާން ދަތިވެގެން ކަމަށް ހަބަރު ލިބެއެވެ.

ދިލީޕް ކުމާރުގެ ފިލްމެއް އެންމެ ފަހުން ފެނިފައި ވަނީ 1998 ވަނަ އަހަރުއެވެ. އެއީ ފިލްމް "ގީލާ"އެވެ.