ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ ލިޔުންތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފިއެވެ.

ކަސްޓަމުން ބުނީ، އެ ލިޔުންތައް ރާއްޖެއަށް އެތެރެކުރަން އުޅެފައި ވަނީ ޕޯސްޓްގެ ޒަރިއްޔާއިން ކަމަށެވެ. އެގޮތުން ޕޯސްޓުން ރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ ތެރޭގައި ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބޭރުގެ އެކިއެކި މީސްމީހުންގެ ނަމުގައި ރާއްޖެއަށް ފޮނުވަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ނަސޯރާ ދީނުމުގެ މައުލޫމާތު ލިޔެފައިވާ މި ލިޔުންތައް ރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީ އުރައެއްގައި ބަންދުކޮށް ތަފާތު މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ މީސްމީހުންނަށް އެޑްރެސްކޮށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ނަމަވެސް މިހާތަނަށް ކަސްޓަމްސް އިން ބެލި ބެލުމުން މިކަމަކީ އެ ލިޔެކިޔުންތައް އެޑްރެސް ކޮށްފައިވާ މީހުންނަށް ނުވަތަ ކުންފުނިތަކާއި މުއައްސަސާތަކަށް އެނގުމަކާ ނުލައި އޮޅުވާލުމުގެ ތެރެއިން ކުރަމުންދާ ކަމެއް ކަަމަށެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ރާއްޖެއަށް ގެނައުމާއި އެ ފަދަ ފޮތްތައް އިޝްތިހާރު ކުުރުމާއި ދިވެހިންނަށް ދެއްކުމާއި އެފަދަ ގޮތްތަކުގެ މައުރަޒުތައް ބޭއްވުމާއި ވިއްކުމާއި ދިނުމާއި އާންމުކޮށް ފެންނާނެހެން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތައް ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ އާއި ނޫސްފަދަ ތަަކެއްޗާއި ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ފިލްމު ޓޭޕާއި ޑިސްކެޓް ފަދަ ތަކެތި ހިމެނެއެވެ އަދި އިސްލާމްދީނަށް އިހާނެތިކޮށް ހިތޭ ފަދަ ތަކެތި ގެނައުމާއި އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ފެތުރުމަކީ ވެސް މަނާ ކަންތައްތަކެވެ.

ކަސްޓަމުން ބުނީ މިފަދަ ލިޔުންތައް ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމުން ހިފަހައްޓަމުން އަންނަ ކަމަށެވެ. ހަމައެއާއެކު އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުން ހޯދާ އެކަން ތަކުރާރު ވިޔަ ނުދީ ހުއްޓުވުމަށް ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.