އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ހޮވިފައިވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ، މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަހުރަކާއި ޝަރަފެއް ކަމަށާއި މިއީ ހާރިޖީ ދާއިރާގައި ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަތް ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިނިސްޓަރު ޝާހިދު އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޝާހިދަށް ކާމިޔާބީ އެދިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ވާދަކުރެއްވުމަށް އެފުރުސަތު ދެއްވައި އެ އިންތިހާބު ކާމިޔާބުކޮށް ދެއްވުމަށް ރައީސް ސޯލިހް އިސްނެންގެވުމުގެ މަތިން ކޮށްދެއްވި މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.

ހަަމައެއާއެކު މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ނިކަމެތިވެފައިކަން ޝަހިދު ފާހަގަ ކުރެއްވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެއަށް މިފަހަރު މި ކާމިޔާބީ ލިބުނީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ބައިނަލްއަގްވާމީ މުޖުތަމައާއި އަލުން ގުޅުން ބަދަހި ކުރައްވައި ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު އަލުން ހޯއްދަވައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

މި ކާމިޔާބީއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމްވުމަށް ފަހު ހާރިޖީ ދާއިރާއިން ލިބިގެން ދިޔަ އެންމެބޮޑު އެއް ކާމިޔާބީކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އ.ދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުސަތުތައް ފަހިކޮށް ދެއްވައި ކުރިއެރުން ގެނެސް ދެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ޝާހިދު ދެއްވިއެވެ.