ބ.ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.
އެގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ކަމަދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ވަނި ބުނެފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 4.38 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާ، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާ، ފެން އުފެއްދުމަށްޓަކާ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓާ، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 3.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާ، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާ، 2 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓާ، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އޭގެ އިތުރުން އެމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.
ކަމަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެމަޝްރޫއުގެ އަގަކީ ޖުމްލަ 56,7 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ. އެމަޝްރޫއުގެ މަސައްކަތް ނިމުމުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.