ހދ. ހަނިމާދޫގެ ރައްޔިތުންނާ އެ މީހުންގެ ދަރިފަސްކޮޅު އަމިއްލަ ބިމުގައި ބިކަވެގެން ނުދާނެ ގޮތަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން އިއްޔެ ހުށަހަޅާފައި ވާ އިރު އޭގައި ވަނީ އެ ރަށުގެ 800 މީހުން ސޮއި ކޮށްފައެވެ. އެ ޕެޓިޝަން ތައްޔާރުކޮށްފައި ވަނީ އެ ރަށުގެ ތިން ޖަމިއްޔާއަކުން އިސްނަގައިގެންނެވެ. އެ ޕެޓިޝަންގައި ބުނީ، އެ މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހުށަހަޅާފައިވާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޕެޓިޝަންގައި ވެއެވެ.

މި ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތާ އެއްގޮތަށް ހަނިމާދޫގެ ރައްޔިތުންނާ މި ކަމުގައި މަޝްވަރާކޮށް ބޭނުންވާ ބަދަލުތައް ގެނެސް ދިނުމަށާއި، ހަނިމާދޫގެ ރައްޔިތުންނާ އެ މީހުންގެ ދަރިފަސްކޮޅު އަމިއްލަ ބިމުގައި ބިކަވެގެން ނުދާނެ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންގޮސްދިމުމަށް އެ ޕެޓިޝަނުގައި އެދިފައި ވެއެވެ.

އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ކުރިއަށް އޮތް 50 އަހަރަށް ގޯތި ދޫކުރެވޭ ވަރުގެ ބިން ކަނޑައެޅުމަށާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ވެސް އެދިފައި ވެއެވެ. ހަމައެއާއެކު އެއާޕޯޓް ހިމެނޭ ސަރަހައްދުގައިވާ ރަށުގެ ހިކިފަސް ބިމުން ވީހާ ވެސް ކުޑަ ޖާގައެއް ބޭނުންކޮށްގެން އަދި އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރަށް ބިން ބޭނުންވާ ނަމަ، މިހާރު އެއާޕޯޓަށް ކަނޑައަޅާފައިވާ ސަރަހައްދުން (ރަށުގެ ދެކުނު ފަރާތުން) ބިން ހިއްކައިގެން މަޝްރޫއު ކުރިއަށްގެންދިއުމަށް ވެސް އެދިފައި ވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ ބޭނުމަށް ހަނިމާދޫ އެއާޕޯޓް ސަރަހައްދަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ 420،316 އަކަފޫޓުގެ ބިން ހިމެނޭ ސަރަހައްދަކީ، ހަނިމާދޫގެ ރައްޔިތުން މިހާރު ވެސް ބޭނުން ކުރާ އަދި މުސްތަގުބަލުގެ ތަރައްގީއަށް ވަރަށް މުހިއްމު ބައެއް ކަމަށް ވެސް އެ ޕެޓިޗާންގައި ފާހަގަކޮށްފައި ވެއެވެ. އަދިސިފައިންގެ ބޭނުމަށް ރަށުގެ އެހެން ސަރަހައްދަކުން ބިމެއް ކަނޑައެޅުމަށް އެދިފައި ވެއެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް ބޮޑު ބިމެއް ދިނުމުގައި ރަށުގެ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ވަނީ 400،000 އަކަފޫޓަށް ބިމުގެ ސައިޒު ކުޑަކުރަން ހުށަހަޅައިފަ އެވެ. ނަމަވެސް އަދި އެ ރަށު ކައުންސިލުން ލޭންޑުޔޫސް ޕްލޭން އެގޮތަށް ނިންމާފައެއް ނުކުރެއެވެ.

އެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް ހަނިމާދޫގެ ތިން ޖަމިއްޔާއަކުން މިދިޔަ މަހުގެ 8 ގައި ވެސް ރައީސަށް ސިޓީއެއް ފޮނުވާފައި ވެއެވެ. ނަމަވެސް އެ ސިޓީއަށް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާ ގޮތާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ވެސް މީގެ ކުރިން ވަނީ ހަދާފައެވެ.