ކޮވިޝީލްޑް ވެކްސިން ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް ދެވަނަ ޑޯޒް ޖަހައި ދިނުމުގައި ދެ ގޮތަކަށް އަމަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ، އެއް ގޮތަކީ ރޭގަ އިއުލާން ކުރި ގޮތަށް ފެބްރިއަރީ 1 އިން ފެށިގެން މާޗް 15 އާ ދެމެދު ކޮވިޝީލްޑްގެ އެއްވަނަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ޖަހަން ކިއުބީ މެދުވެރިކޮށް ޓޯކަން ނަގައިގެން ވެކްސިން ޖަހަން ދިއުން ކަމަށެވެ. ދެވަނަ ގޮތަކީ އެ މުއްދަތުގައި ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް އެޗްޕީއޭއިން ގުޅައިގެން އެޕޮއިންޓްމަންޓް ހަމަޖައްސާ ފަރާތްތަކަށް ވެކްސިން ޖަހައިދިނުން ކަމަށެވެ.

އެގޮތުން އެޗްޕީއޭއިން އެޕޮއިންޓްމަންޓް ހައްދައިދޭ ފަރާތްތައް ދާން ޖެހޭ ވެކްސިން ސެންޓަރު އެޗްޕީއޭއިން އަންގާނެއެވެ. އަދި އެފަރާތެއް ވެކްސިން ޖަހަން ދާނީ އެޗްޕީއޭއިން އެޕޮއިންޓްމަންޓް ހަމަޖައްސައިދޭ ސެންޓަރަކަށް އެކަންޏެވެ.

ކޮވިޝީޑް ވެކްސިންގެ ޝިޕްމަންޓެއް ލިބި އަނެއްކާވެސް މި ވެކްސިން ރާއްޖޭގައި ޖަހަން ފަށަފައި ވަނީ އިއްޔެ އިން ފެށިގެންނެވެ. އެގޮތުން އިއްޔެ އެ ވެކްސިން ޖަހާފައިވަނީ އެޗްޕީއޭއިން ގުޅަިއގެން އެޕޮއިންޓްމަންޓް ހަމަޖެއްސި ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ ކުރިންވެސް ކިއުލައިން ދިގުވެ އާންމުން ތޮއްޖެހުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ ކިއުބީން ނަންބަރު ދޫކޮށްގެން ވެކްސިން ޖަހައިދީފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، އޭރު ވެސް ވަރަށް ގިނަ ބަޔަލު ޓޮކަން ނަގާ ކަމަށާއި ނަމަވެސް ޓޯކަން ނަގާ މިންވަރާ ބަލާފައި އެ އަދަދަށް މީހުން ވެކްސިން ޖަހަން ނާންނަ ކަމަށެވެ. އެހެންކަމުން މި ފަހަރު ކިއުބީން ނަންބަރު ނަގާ ފަރާތްތައް ވެކްސިން ޖަހަނަ އައުމަށާއި ބޭކާރު ގޮތުގައި ޓޮކަން ނަންބަރު ނުނެގުމަށް އެ އެޖެންސީން އިލްމާސް ކުރެއެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދޭ ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު : 400 ޓޮކެން (ހެނދުނު 200 އަދި މެންދުރު 200)
  • އިސްލާމިކް ސެންޓަރު : 400 ޓޮކެން (ހެނދުނު 200 އަދި މެންދުރު 200)
  • ހުޅުމާލެ ވެކްސިން ސެންޓަރު : 240 ޓޮކެން (ހެނދުނު 120 އަދި މެންދުރު 120)
  • ނެޝަނަލް އާޓް ގެލެރީ : 140 ޓޮކެން (ހެނދުނު 70 އަދި މެންދުރު 70)

ޖުމްލަ 1180 ނަންބަރު ދޫކުރަން ހަމަޖެހިފައިވާ އިރު 4 ސެންޓަރަކުން މިއަދު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސެންޓަރުތަކުން ވެކްސިން ޖަހައި ދިނުން ކުރިއަށް ދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު 10 އިން 12 އަށް ވެކްސިން ޖަހައިދޭ އިރު މެންދުރު ފަހު 1 އިން 3 އަށް ވެސް ވެކްސިން ޖަހައިދޭނެއެވެ.

ކޮވިޝީލް ވެކްސިންއަށް ކިއުބީން ނަންބަރު ދޫކުރާ އިރު ހެނދުނު ނަންބަރު ދޫކުރާނީ 9:00 އިން ފެށިގެންނެވެ. އަދި މެންދުރު ފަހު ވެކްސިން ޖަހައި ދިނުމަށް ނަންބަރު ދޫކުރާނީ މެންދުރު 12:00 އިން ފެށިގެންނެވެ.

ހޮނިހިރު ދުވަހު ކޮވިޝީލްޑް ވެކްސިން ލިބިގެން ވެކްސިން ޖަހައިދެމުން ދިޔަ ނަމަވެސް އަދި ލިބުނީ ކިހާ ވެކްސިންެއް ކަން އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.