ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވަން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވަން ޖެހޭ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށް ވާ ފަރާތްތަކަށް އިންސާފާއި ފަރުވާ ހޯދައިދޭން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހަައްގު އަދަބު ދިނުން އަވަސް ކުރެވޭނެ ގޮތް ހޯދައިދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ދިވެހި މުޖްމަތަމައުގައި އިތުރުވަމުންދާ ކަން ފާހަގަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އަންހެނުންގެ ރައްކާތެރި ކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުންދާ ކަމަށެވެ.

އެގޮތުން އިންސާފް ލިބުމުގައި ހުރި ހުރަސްތަކާ ގުޅޭ ގޮތުން އާދަމް ޝަރީފް ވިދާޅުވީ، ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވާ ހާލަތު ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ ސަބަބުން ރޭޕް ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރު ވަމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޖުތަމައުގައި ބިރުވެރި ކަމާއި ނާމާން ކަން އެ ފަދަ އަމަލުތަކުގެ ސަބަބުން ދަނީ އިތުރުވަމުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.