މިއަދު ޖުމްލަ 127 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 166 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 79 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 6 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 13 މީހަކާއި ތަރައްގީ ކުރަމުންދާ ރަށްރަށުން 3 މީހެކެވެ. ހަމައެއާއެކު މިއަދު 166 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ޕޮޒިޓިވްވި 127 މީހުންނާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 553 އެވެ.
ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 3237 އަށް ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 3279 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 74،351 އެވެ. މީހުންގެ ތެރެއިން 70889 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 213 އަށް އަރާފައެވެ. އެގޮތުން މި މަހު މަރުވެފައި ވަނީ 52 މީހެކެވެ.
މިއަހަރުގެ ކޮވީޑް ކޭސްތަކުގެ އަޕްޑޭޓް:
- ޖެނުއަރީ: 2084 ކޭސް އާއި 4 މަރު
- ފެބްރުއަރީ: 3952 ކޭސް އާއި 10 މަރު
- މާޗް: 4286 ކޭސް އާއި 5 މަރު
- އޭޕްރިލް: 5756 ކޭސް އާއި 6 މަރު
- މެއި: 34،561 ކޭސް އާއި 88 މަރު
- ޖޫން: 9402 ކޭސް އާއި 50 މަރު
ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 484 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 60594 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 165 މީހަކު މަރުވެފައެވެ.
ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މިއަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.
މިދިޔަ މަހު ކޭސްތައް ދަށަށް ގޮސްފައި ވާތީ މި މަސް ފެށުނު އިރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން ރެސްތީރަންޓް ކެފޭތަކާއި، ސެލޫން އަދި ޖިމް ފަދަ ތަންތަން ކާފިއު ނޫން ވަގުތު އާންމުންނަށް ވަދެ ހިފުމަތް ދެވޭ ގޮތަށް ވަނީ ހަމައްޖައްސާފައެވެ. އަދި ކޭސްތައް އިތުރު ނުވާ ނަމަ އިތުރު ލުއިތައް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.