ޒުލްގައިދާ 25، 1442 ވަނަ ދުވަހުން ފަށައިގެން އުމްރާގެ އަޅުކަން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ސައުދީ އަރަބިއްޔާއިން ނިންމާ، އެކަން އިއުލާން ކޮށްފިއެވެ.

މާދަމާއިން ފަށާއިގެން އުމްރާގެ އަޅުކަން މަޑުޖައްސާލުމަށް ސައުދީއިން ނިންމާފައި މިވަނީ، ކުރިއަށް އޮތް، މަތިވެރި ހައްޖުގެ އަޅުކަމަށް ތައްޔާރު ވުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، މާދަމާއިން ފަށައިގެން އަލްހާ އީދުގެ ނިޔަލަށް، އުމްރާގެ އަޅުކަން މެދުކަނޑާލާނެ ކަން ސައުދީއިން ވަނީ އިއުލާން ކޮށްފައެވެ.

1442 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ގެފުޅުގެ ކިސްވާ އުފުލުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: ޓްވިޓާ

1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމާ ގުޅޭ ކަންކަންވެސް ސައުދީއިން ކުރިއަށް ގެންދަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ހާއްސަ ހާލަތަށް ރިއާޔަތް ކޮށްގެންނެވެ. މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައި ވަނީ ސައުދީގައި މިވަގުތު ތިބި މުސްލިމުންގެ ތެރެއިން، ކަނޑައަޅާފައި ވާ ވަކި ހާއްސަ ޝަރުތުތަކެއް ހަމަވާ 60000 މީހަކަށެވެ.

މީގެ އިތުރުން މާވްވެގެންވާ ބިމުގައި އަޅުކަން އަދާ ކުރުމަށް މުސްލިމުން ހަރަކާތްތެރިވާ އިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ސައުދީއިން ވަނީ ވެފައެވެ. އެގޮތުން ޒަމްޒަމް ފެން ބެހުމަށްވެސް ސައުދީއިން ވަނީ ޒަމާނީ ޓެކްނޮލޮޖީ ތައާރަފު ކޮށްފައި ކަން ފާހަގަ ކުރަން ޖެހެއެވެ.

މާތްވެގެންވާ 2 މިސްކިތުގައި ޒަމްޒަމް ފެން ބެހުމަށް ރޮބޮޓުން ވަނީ ހާއްސަކޮށްފަ / ފޮޓޯ: ރޫޔާނިއުސް

ސައުދީއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދާފައި ވާ ގައުމެކެވެ. އެގޮތުން ބަލިމަޑުކަމުގެ އެންމެ ހައްސާސް ދުވަސްވަރު، 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސް ނިންމާލީ، ކޮވިޑްގެ އެންމެ ކުލަސްޓާއެއްވެސް ނުފެނިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސައުދީއިން މީގެ ކުރިންވެސް ވަނީ އުމްރާގެ އަޅުކަން މަޑުޖައްސާލަފައެވެ. އަދި އަލުން އެ ފުރުސަތު ހުޅުވާލީ، މަރުހަލާތަކަކަށް ބަހާލައިގެން ރައްކާތެރި ހަރުކަށި އަދި ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންނެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން