ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ތޫފާނީ ރާޅަކާ ކުރިމަތިލާން ޖެހުނު އަވަށްޓެރި އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓަށް އަދިވެސް ބަދަލުތަކެއް އަންނަމުން ދާ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 98 ގައުމަކުން ޑެލްޓާ ވޭރިއަންޓް ފެނުނުކަން ކަށަވަރު ވެފައި ވާއިރު، ގިނަ ގައުމުތަކެއްގެ ކޮވިޑް ކޭސްތައް ޑޮމިނޭޓް ކުރަނީވެސް ޑެލްޓާ ވޭރިއަންޓުން ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފައެވެ.

އަދި މިވަގުތު ދުނިޔެ އޮތީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދަތުރުގެ ނުރައްކާ ފައްތަރެއްގައި ކަމުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯއިން ވަނީ ދީފައެވެ.

ޑަބްލިއުއެޗްއޯއިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ޖަމިއްޔާގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ޑެލްޓާ ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށާ، މި ވޭރިއަންޓަށް މިހާރުވެސް ބަދަލު އަންނަމުން ދާ ކަމަށެވެ. އެހެން ކަމުން، މިއީ އާންމު ސިއްހީ ނިޒާމުން ބަދަލުތަކެއް ގެނެސް، ވަރަށް ގާތުން ބަލަމުން އަންނަން ޖެހޭ ކަމެއް ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

100 އެއްހާ ގައުމުން ޑެލްޓާ ވޭރިއަންޓުގެ ކޭސްތައް ފެނިފައި ވާއިރު، ކޮވިޑް-19އާ ދެކޮޅަށް ހިންގާ ވެކްސިން ކެމްޕޭންތަކުގައި ކުރި ހޯދާފައި ވާ ގައުމުތަކުގައިވެސް މި ވޭރިއަންޓް ހަލުވި ދުވެލީގައި ފެތުރޭ ކަމުގެ އިންޒާރު، ޑރ ޓެޑްރޯޒް ވަނީ ދެއްވާފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ފަހުން، އެ ބަލި ޖައްސާ ވައިރަސް ނުވަތަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ގޮތަށް އަންނަ ބަދަލުތަކަށް ވޭރިއަންޓްގެ ނަމުން މުހާތަބު ކުރާއިރު، މިވަގުތު ކަންބޮޑުވާން ޖެހޭ 4 ވޭރިއަންޓެއް ވަނީ ފާހަގަ ކުރެވިފައެވެ. ކަންބޮޑުވާން ޖެހޭ ވޭރިއަންޓްތަކުގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަ ކޮށްފައިވާ ވޭރިއަންޓްތަކަކީ އަލްފާ، ބީޓާ، ގާމާ އަދި ޑެލްޓާއެވެ.

ކަން މިހެން އޮތް އިރު، ޑެލްޓާ ޕްލަސްގެ ނަމުގައި އިންޑިއާއިން އާ ވޭރިއަންޓެއް ފެނިފައި ވާ ކަމުގެ ހަބަރުތައް ވަނީ ފެންމަތިވެފައެވެ.