އިންޑިއާ ހައިކޮމިޝަންއާ ދެކޮޅަށް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުން ދިއުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށް ބުނެ ނޫސްވެރިން ޒިންމާދާރުވާން ފުލުހުން ގޮވާލައިފިއެވެ.
ފުލުހުން މިހެން ގޮވާލާފައި ވަނީ އޮންލައިން ނޫސްތަކުން އިންޑީއާ ހައިކޮމިޝަންއާ ދެކޮޅު ވާހަކަތަކެއް ދައްކާ ކަމަށް ބުނެ އެ ކޮމިޝަނުން ނޫސްތަކަށް ފިޔަވަޅު އަޅަން ގޮވާލައި ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށް ޓްވިޓާގައި އާންމުންގެ މީހަކު އިންޑިއާ ހައިކޮމިޝަން ގޮއްވާލުމަށް ގޮވާލާ ޓްވީޓެއް ކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ، ސޯޝަލް މީޑިއާ އަދި މި ނޫންވެސް ވަސީލަތްތައް މެދުވެރިކޮށް މީހުންނަށް އަނީޔާވެރި ވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ދިވެހިރާއްޖޭގައި ގާއިމްކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމެއް ކަމަށް ފުލުހުން ބުނެއެވެ. ރާއްޖޭއާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުން ދިއުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި މިފަދަ ކަންކަމުގައި ސަބަބުން ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރުގެ މިޝަންތަކުގައި މަސައްކަތް ކުރާ ބޭފުޅުން ނުރައްކަލަކަށް ހުށަހެޅި ހާރިޖީ ގުޅުންތަކަށް ބުރޫ އަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމަށްފުލުހުން ބުނެއެވެ. އެހެންކަމުން މައުލޫމާތު ފެތުރުމުގައި މިހާރަށް ވުރެ ޒިންމާދާރު ވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެއެވެ. އަދި ދިވެހި ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އެދިފައި ވެއެވެ.
އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މައްސަލައިގައި ފުލުހުން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ މަޖިލިސް ގޮއްވާލާނެ ކަމަށް ބުނި މީހަކުވެސް ހައްޔަރު ކޮށްފައެވެ.