މިއަދު ޖުމްލަ 150 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 233 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 11 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 95 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 17 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 20 މީހަކާއި ތަރައްގީ ކުރަމުންދާ ރަށްރަށުން 17 މީހެކެވެ. ހަމައެއާއެކު މިއަދު 233 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި 150 މީހުންނާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 426 އެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 3276 އަށް ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 3359 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 74،224 އެވެ. މީހުންގެ ތެރެއިން 70،723 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 213 އަށް އަރާފައެވެ. އެގޮތުން މި މަހު މަރުވެފައި ވަނީ 52 މީހެކެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 483 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 60،467 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 165 މީހަކު މަރުވެފައެވެ.

ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މިދިޔަ މެއި މަހާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.

މިދިޔަ މަހު ކޭސްތައް ދަށަށް ގޮސްފައި ވާތީ މި މަސް ފެށުނު އިރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އަދި ކޭސްތައް އިތުރު ނުވާ ނަމަ އިތުރު ލުއިތައް ދނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.