11 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2021ގެ މެންބަރު ކަމަށް ވާދަކުރާ ފަރާތްތައް ސުންގަޑި ހަމަވުމުގެ ކުރިން ފޯމް ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

އީސީން ބުނީ، 11 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. އެ ރަށްރަށުގެ ތެރެއިން 6 ރަށެއްގެ މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ބާކީ 5 ރަށެއްގެ އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 23 ގައި އެ ފުރުސަތު ހުޅުވާލި ރަށްރަށުގެ ތެރޭގައި ހިމެނެނީ، ކ. ދިއްފުށިން އެއް ގޮނޑި، އއ. ފެރިދޫން 4 ގޮނޑި، ވ. ރަކީދޫން 5 ގޮނޑި، މ. ރަތްމަންދޫން 5 ގޮނޑި އަދި ލ. މާބައިދޫން 1 ގޮނޑިއެވެ. މި ރަށްރަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތައް ފޯމް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މި މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ކަމަށް އީސީން ބުނެއެވެ.

މި މަހުގެ އެއް ވަނަ ދުވަހު އަންހެނުންގެ ތަރައްގީއާ ބެހޭ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ވަނީ 5 ރަށަކަށް ހުޅުވާލާފައެވެ. އެއީ ހދ. ނޮޅިވަރަމުން 1 ގޮނޑި، ހއ. ވަށަފަރުން 1 ގޮނޑި، ހދ. ނޭކުރަންދޫން 2 ގޮނޑި، ނ. ކެނދިކުޅުދޫން 2 ގޮނޑި، އަދި ބ ފުޅަދޫން 1 ގޮނޑީއެވެ. މި ރަށްރަށުން ވާދަކުރަން ބޭނުންވާ ފަރާތްތައް ފޯމް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 5:00 ކަމަށް އީސީން ބުނެއެވެ.

އީސީން ބުނީ މި ރަށްރަށުން އަންހެނުންގެ ތަރަގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ކަމަށް ހުޅުވާލާފައި އޮތް ނަމަވެސް މިހާތަނަށް އަދި އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ސުންގަޑިތައް ހަމަވުމުގެ ކުރިން ފޯމް ހުށަހެޅުމަށް އީސީން އެދެއެވެ.