ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ދަތުރުފަތުރު ކޮށް އުޅުމުގައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކުގެ ލިސްޓުން، އިންޑިއާގެ ކޮވިޝީލްޑް ވެކްސިނަށް ޖާގަ ދިނުމަށް، ވިލާތުގެ 9 ގައުމަކުން އެއްބަސްވެފައި ވާ ކަމަށް، އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މި ހަބަރު ފެންމަތިވެފައި މި ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވިލާތުގެ ގައުމުތަކުގެ މެދުގައި ފަސޭހަކަމާއެކު ދަތުރުކޮށް އުޅުމަށް ޖުލައި 1 ވަނަ ދުވަހު ތަންފީޒު ކުރަން ފެށި "ފެހި ޕާސްޕޯޓް" ސްކީމުން ކޮވިޝީލްޑް ވެކްސިނަށް ފުރުސަތު ނުދިނުމުގެ، ވިލާތުގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު، އިންޑިއާއިން ދީފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާގެ ފޯމިއުލާއަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑަށް ރުހުން ދިން ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ޖަރުމަނުވިލާތް، ސްލޯވީނިއާ، ގްރީސް، އަޔަލަންޑް، ސްޕެއިން އަދި އެސްޓޯނިއާ ހިމެނެއެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ކޮވިޝީލްޑްގެ އިތުރުން، އިންޑިއާގެ ސަރުކާރުން ރުހުން ދީފައިވާ ހުރިހާ ވެކްސިނެއް ޖަހާފައިވާ ފަރާތްތައް ބަލައިގަންނާނެ ކަމަށް އެސްޓޯނިއާއިން ވަނީ ބުނެފައެވެ. އެހެންކަމުން ކޮވިޝީލްޑްއާއި ކޮވެކްސިން ޖަހާފައިވާ މީހުންނަށް އެސްޓޯނިއާއަށް ދަތުރު ކުރެވޭނެއެވެ.

ސްވިޓްޒަލަންޑްއިން ކޮވިޝީލްޑް ބަލައިގަތީ ޝެންގަން ސްޓޭޓެއްގެ ހައިސިއްޔަތުން ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް ނަމަވެސް، ވިލާތުގެ ބޭސްވެރިކަމާ ބެހޭ މައި އިދާރާ (އީއެމްއީ) އިން ރުހުންދޭ ފެހި ޕާސްޕޯޓް ލިސްޓުގައި ކޮވިޝީލްޑް ހިމެނިކަމުގެ ރަސްމީ ހަބަރެއް އަދި ނުލިބެއެވެ.