މިޔަންމާގެ ޑިމޮކްރަސީ ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އާންގް ސަންގް ސޫޗީ މިނިވަން ކުރުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލައްވައިފިއެވެ.

މިއަހަރުގެ ކުރީކޮޅު، މިޔަންމާގެ އަސްކަރިއްޔާ ބަޣާވާތްކޮށް، އެގައުމުގެ ކޮންޓްރޯލް ނެގި ފަހުން، ދައުވާތަކެއް އުފުލާފައި ވާ ސޫޗީ ވަނީ، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައެވެ.

ސޫޗީ މިނިވަން ކުރުމަށް ގުޓެރޭޒް ގޮވާލައްވާފައި މިވަނީ، މިޔަންމާގެ އަސްކަރިއްޔާއިން، އެ ގައުމުގެ އެތައް ހާސް ގައިދީންނެއް މިނިވަން ކުރި ދަނޑިވަޅާ ދިމާކޮށެވެ.

ގުޓެރޭޒްގެ އެސޯސިއޭޓް ތަރުޖަމާނު، އެރީ ކަނެކޯ ވިދާޅުވީ، މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން، ގާނޫނީ އިމުން ބޭރުން ހައްޔަރު ކޮށްފައިވާ ހުރިހާ އެންމެން މިނިވަން ކުރަން އދއިން ގޮވާލާ ކަމަށެވެ. އޭގެ ތެރޭގައި މިޔަންމާގެ ރައީސް ވިން މިޔީންޓް އާއި ސްޓޭޓް ކައުންސިލާ ސޫޗީވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

މިޔަންމާގައި އަސްކަރީ ބަޣާވާތެއް ކޮށް، ސޫޗީގެ ސަރުކާރު ވައްޓާލި ހާދިސާއަށް 5 މަސް ފާހަގަ ކުރުމާ ދިމާކޮށް، އެ ގައުމުގައި ބުރާސްފަތި ދުވަހު ވަނީ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެންމެ ބޮޑު ސިޓީ ކަމަށް ވާ ޔަންގޫންގައި އަސްކަރީ ޔުނީފޯމްގައި ހުޅުޖަހާ، ޑިމޮކްރަސީއަށް ގޮވާލުން ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.