2018 ވަނަ އަހަރުގެ ފަހުން ނުއުފުލޭހާ މައްޗަށް، ދުނިޔޭގެ ތެލުގެ ބަޒާރުގެ އަގުތައް އުފުލިއްޖެއެވެ.
ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުން އަންނަ "އޯޕެކް ޕްލަސް"ގެ ގައުމުތަކުން، މިއަހަރުގެ އޯގަސްޓް މަހާއި ޑިސެންބަރު މަހާ ދެމެދު ތެޔޮ ސަޕްލައި ކުރާ މިންވަރު އިތުރު ކުރާނެ ކަމުގެ އަޑުތަކެއް އިވެމުންދާ މި ދަނޑިވަޅުގައި، ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް، 2 ޕަސެންޓް އުފުލިފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ތެލުގެ ބާޒާރު ކޮންޓްރޯލް ކުރަމުން އަންނަ ބައެއް އުފެއްދުންތަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނީގެ ތެޔޮ ފީފާއެއްގެ އަގު ވަނީ، 75.84 ޑޮލަރަށް އަރާފައެވެ. މިއީ 1.22 ޑޮލަރު ނުވަތަ 1.6 ޕަސެންޓްގެ އިތުރުވުމެކެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) އިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއަކުން 1.76 ޑޮލަރު ބޮޑުވެ، ފީފާއެއްގެ އަގު ވަނީ 75.23 ޑޮލަރަށް އަރާފައެވެ. މިއީ، 2.4 ޕަސެންޓްގެ އިތުރުވުމެކެވެ.
މިއީ އޮކްޓޯބަރު 2018ގެ ފަހުން، މި ކުންފުނިތަކުގެ ތެލުގެ އަގުތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އޯޕެކް ޕްލަސް އިއްތިހާދުގެ ވަޒީރުން ވަނީ، ދުވާލެއްގެ މައްޗަށް 5 ލައްކަ ފީފާއަށް ވުރެ މަދުން ކަމުގައި ވީ ނަމަވެސް، ތެޔޮ ސަޕްލައި ކުރާ މިންވަރު އިތުރު ކުރުމާ މެދު ވިސްނާފައެވެ. ނަމަވެސް އެކުވެރި އަރަބި އިމާރާތުގެ ދެބަސްވުންތަކަކާ އެކު މިކަން އަދި މުޅިން ފާސްވިކަމަކަށް މައުލޫމާތެއް ނުލިބެއެވެ. ހަބަރު ލިބޭ ގޮތުގައި، މިއަދުގެ ވަގުތެއްގައި އޯޕެކް ޕްލަސްގެ ވަޒީރުން، އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެއެވެ.
ކުރިއަށް އޮތީ، ސާފު ނުކުރާ ތެލަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެ ދުވަސްވަރެއް ކަމަށް ލަފާ ކުރެވެއެވެ. އެހެނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރަން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީ، ގައުމުތަކުގެ އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގަން ފެށުމާއެކު، ތެލަށް އޮންނަ ޑިމާންޑް އިތުރު ވެގެން ދިއުމެވެ.