ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓުގެ ދަށުން ޒޯން 3 (ކ، އއ، އދ، ވ) އަތޮޅުގެ 32 ރަށެއްގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އެ ރަށްރަށުގެ ކައުންސިލްތަކާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއި ކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ.

15 ރަށުގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމާއި، 11 ރަށެއްގައި މިހާރު ހުރި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް މިޕްރޮޖެކްޓުގެ ދަށުން އަޕްގްރޭޑް ކުރާނެއެވެ.

އިއްޔެ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖުކުރުމުގެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ނިޒާމެއް، މާލެ ސަރަޙައްދުގައި ގާއިމު ކޮށް، ދިރިއުޅުމަށް އެކަށޭނަ ސާފުތާހިރު މާހައުލެއް ރަށްތަކުގައި އުފައްދައި، ރަށްރަށުގެ ޖަޒީރާވަންތަކަން އަލުން އިއާދަކުރުމާއި ތަޣައްޔަރުވެފައި ވާ ކުނިގޮނޑުތައް ނައްތާލުން ކަމަށެވެ.

މިޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފޭސް 1 ގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކަށް ވިލުންވެރި ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށުފެންވަރުގައި ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ދެވެނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕް ސައިޓް ރިމީޑިއޭޓްކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނެޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.