ނަފުރަތުގެ ބިލަށް ގެންނަ ބަދަލާ މެދު ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައި މުހިންމު ނުކުތާތަކެއް ފާހަގަ ކުރައްވައިފިއެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ހިޝާން ހުށަހަޅުއްވާފައި ވާ ބިލަށް ބަދަލުތަކެއް ގެންނަށް ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މި ދިޔަ ހަފްތާގައި ހުށަހެޅުއްވި އިސްލާހަކީ، މީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުން މަނާ ނުވާނެ ހާލަތެއް އޮންނަ ގޮތަށް ބަދަލު ކުރުމަށެވެ.

ގަނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނުކުތާ މިހާރު އިސްލާހުކުރަން ހުށަހަޅާފައި ވަނީ، ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައި ވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔައެއްގައި ވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށެވެ.

އިސްލާހުކުރުމަށް ހުށައަޅާފައިވާ 1 ވަނަ މާއްދާއާ ގުޅިގެން ޑރ. ޝަހީމު ވިދާޅުވީ އިސްލާމްދީނުގައި އުފެދިފައި ހުންނަ ހުރިހާ ހިލާފުތަކަކީ އޭގެ ޒާތުގައި މުއުތަބަރު ހިލާފުތަކެއް ނޫން ކަމާއި ގަބޫލުކުރެވޭ ދަލީލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަންނިއްޔާތުގައި އުފެދިފައިވާ ހިލާފު އެއީ މުއުތަބަރު ހިލާފެއް ކަމަށެވެ. އެހެންނަމަވެސް ދީނުގައި ސާފު ސަރީހަކޮށް އައިސްފައިވާ ކަމެއްގައި ދީނީ އިލްމުވެރިންގެ މެދުގައި އޮންނަ ހިލާފު ބަލައިނުގަނެވޭނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި އިސްލާމީ އުސޫލަކީ ކިތަންމެ ބޮޑު ދީނީ އިލްމުވެރިއެއް ކަމުގައިވީ ނަމަވެސް އެއްވެސް އިލްމުވެރިއެއްގެ ޝާއްޒު ރައުޔު ނުވަތަ ދީނުގެ ގަތުއީ ދަލީލަކާ ހިލާފު ރައުޔު ބަލައިނުގަތުން ކަން ޝަހީމު ފާހަގަ ކުރެއްވިއެވެ.

އިސްލާހުގައި ބުނެފައިވާ އިލްމުވެރިންނަކީ ރާއްޖޭގެ އިލްމުވެރިންތޯ މުޖުތަހިދު ދަރަޖައިގެ އިލްމުވެރިންތޯ ނުވަތަ ސުންނަތް ޖަމާއަތުގެ އިލްމުވެރިންތޯ ވެސް ޝަހީމު ވަނީ އިމްތިޔާޒް ފަހުމީ އަށް ސުވާލުކުރަށްވާފައެ. އަދި އޭގެ އިތުރަށް އިސްލާމީ ޝަރީއަތުގެ މައިގަނޑު މަސްދަރުތަކަކީ ގުރުއާނާއި ސުންނަތާއި އިޖުމާއާއި ގިޔާސްކަން ފާހަގަ ކުރައްވައި، ޝަހީމު ވިދާޅުވީ އިޖުމާއާއި ނައްސުތަކާ ހިލާފު ރައުޔަކީ މުއުތަބަރު ހިލާފެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.

އެ ބިލް ގެ 3 ވަނަ ނުކުތާގައި ބިލަށް ގެންނަ އިސްލާހުގައި ބުނެފައިިވަނީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އާންމު ތަނެއްގައި އެ މީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައި ވާ މީހެއް ކަމަށް ސިފަކުރުން ނުވަތަ ތުހުމަތު ކުރުން އަދި ސިފަކުރުމާއި ތުހުމަތު ކުރުމުގައި ބައިވެރިވުމެވެ.

މި މާއްދާއާ ގުޅިގެން ޑރ. ޝަހީމު ވިދާޅުވީ ދީނުގައި ހަރާމްކަމެއް ކަން އޭނާއަށް އެނގޭތޯއާއި، އެކަމެއް ކުރީ އަމިއްލަ އިހުތިޔާރުގައި ތޯއާއި، އެ ހަރާމް ކަމެއް އޭނާ ހުއްދަކުރޭތޯ އާއި، އެކަމެއް ހިންގީ ގަސްތުގައިތޯ ބަލަންޖެހޭ ކަމަށެވެ. އަދި ކުފުރު ކުރުން މަނާވަނިވި ނުވަތަ އެކަމަށް ހުރަސްއަޅުވަނިވި ކަންކަމަކީ، ޖާހިލުކަމާއި، ތައުވީލު ކުރުމާއި، މަޖުބޫރީ ހާލަތެއް އޮތުންކަން ފާހަގަ ކުރެއްވިއެވެ. އަދި އެއިން ހާލަތެއްގައި މީހަކު ކާފިރު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ޝަހީމު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ކުފުރާއި އަގީދާގެ ކަންކަމުގައި މިހާރު ހަދާ ގޮތަށް މަޖިލީހުން ގާނޫނު ނުހަދައި ޝަރީއަތުގައި ހުރި އުސޫލުތަކާއި ސާބިތުތަކަށް އެކަންކަން ދޫކޮށްލުން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ނަފްރަތު ހުއްޓުމަށް ގާނޫނެއް ހަދާ ނަމަ ހަދަންވީ ކުފުރާއި އަގީދާގެ ކަންކަން ނުހިމަނައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަފްރަތުގެ ބިލަކީ އެ ބިލެއްގެ ސަބަބުން އާންމުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް މިހާރުވެސް އުފެދި އަދި 100 އަށް ވުރެ ގިނަ އިލްމުވެރިންނާއި ބައެއް ކައުންސިލްތަކުން ކަންބޮޑުވެ ބަޔާން ވެސް ނެރެފައިވާ ބިލެކެވެ. އެ ބިލު މަޖިލީހަށް ހުށަހަޅާ އޮތްގޮތަށް ފާސް ނުކުރުމަށް އެ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނަމަވެސް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަވަނީ ބިލު ފާސްކުރުމަށް ފާޅުގައި ވަކާލާތު ކުރައްވައި ބިލް ފާސްކުރައްވާނެ ކަމަށްވެސް ވިދާޅުވަމުންނެވެ.