ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތެއްގައި ގާޒީގެ ހުއްދަ ނެތި ފުލުހަކު ޝަރީއަތުގެ މަޖިލީހުން ނުކުތުމުން ފުލުހުންގެ އިދާރާ 3،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުންގެ އިދާރާ ޖޫރިމަނާކޮށްފައި ވަނީ ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައެވެ.

އެ އަޑުއެހުމުގައި އިން ފުލުހަކު ޝަރީއަތުގެ އަދަބުތަކާ ހިލާފަށް ޝަރީއަތުގައި އެއްޗެއް ކާން އިނުމުން ގާޒީ ދީބާނާޒު ފަހުމީ ވަނީ އަނގަ ސާފުކޮށްގެން ޝަރީއަތުގެ މަޖިލީހަށް ވަނުމަށް އެ ފުލުސް މިހާއަށް އަންގާފައެވެ.

އަނގަ ސާފުކޮށްގެން އައުމުން އަލުން ޝަރީއަތް ފަށާ އިރުކޮޅެއް ނުވެ ގާޒީގެ ހުއްދައާ ނުލާ އެފުލުސް މީހާ ވަނީ ގޮނޑިން ދެތުވެ އެހެން ތާކަށް ގޮސްފައެވެ.

އެ ފުލުސް މީހާ އަލުން އެނބުރި އައުމުން ގާޒީ ނިންމީ، ޝަރީއަތުގެ ހުއްދަ ނެތި ޝަރީއަތުގެ މާލަން ދޫކޮށް ދިއުމުން ޝަރީއަތުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.

އެގޮތުން އެކަމުގެ އަދަބެއްގެ ގޮތުން 3،000 ރުފިޔާއިން ޖުރިމަނާ ކުރަން ގާޒީ ނިންމެވީއެވެ.

ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ އިހްތިޔާރު ވެސް ގާޒީއަށް ލިބިގެން ވެއެވެ. ނުވަތަ ގިނަވެގެން އެއް މަހަށް ގޭ ބަންދު ކުރުން، ނުވަތަ 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބެއް ދިނުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެން ވެއެވެ.