ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ މީހުން އޮޅުކޮށްގެން ގެންގުޅޭ ބުޅަލާއި ކުއްތާތަކުގެ މެދުގައިވެސް މި ބަލި އާންމު ކަމަށް، ނެދަލަންޑްސްގެ ޔުނިވާސިޓީއަކުން ކުރިއަށް ގެންދިޔަ ދިރާސާތަކުން ހާމަވެއްޖެއެވެ.

ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާ 196 ގެއެއްގައި އޮޅުކޮށްގެން ގެންގުޅެމުން ދިޔަ 310 ޖަނަވާރެއްގެ ހަށިގަނޑުން ސްވަބް ސާމްޕަލް ނަގައިގެން، މި ދިރާސާގެ ބޭނުމަށް ޓެސްޓު ކޮށްފައި ވެއެވެ.

މި ގޮތަށް ހެދި ޓެސްޓުތަކަށް ބަލާއިރު، 6 ބުޅާ އަދި 7 ކުއްތާއެއްގެ ޕީސީއާރް ޓެސްޓު ޕޮޒިޓިވްވެފައި ވާ ކަމަށާ، 54 ޖަނަވާރެއްގެ ހަށިގަނޑުން ކޮވިޑް-19ގެ އެންޓިބޮޑީޒް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބުޅަލެއްގެ ހަށިގަނޑުން ކޮވިޑަށް ސާމްޕަލް ނަގަނީ / ފޮޓޯ: ޓެކްސަސް އޭއެންޑްއެމް ޓުޑޭ

އޫޓްރެކްޓް ޔުނިވާސިޓީގެ ޑރ އެލްސް ބްރޯއެންސް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުން، ބުޅާ ނުވަތަ ކުއްތާ ފަދަ ޖަނަވާރުތަކާވެސް ދުރުވާން ޖެހޭ ކަމަށެވެ. ކަންބޮޑުވާންޖެހެނީ، ޖަނަވާރުތަކަށް ބަލި ޖެހިދާނެތީ ނޫން ކަމަށާ، ނަމަވެސް އިންސާނުންގެ ހަށިގަނޑުން ބަލި ވާރުތަވެ، އެ ޖަނަވާރުގެ ހަށިގަނޑުގައި ބަލި ރައްކާކޮށް، އަނެއްކާވެސް އިންސާނުންނަށް އެ ވައިރަސް ފަތުރަފާނެ ކަމުގެ ބިރަށްޓަކާ ކަމަށްވެސް ޑރ ބްރޯއެންސް ވަނީ ފާހަގަ ކުރައްވާފައެވެ.

އޮޅު ޖަނަވާރެއްގެ ފަރާތުން އިންސާނެއްގެ ހަށިގަނޑަށް ވައިރަސް ވާރުތަ ވީ ކަމުގެ ސާބިތު ހެއްކެއް އަދި ލިބިފައި ނުވާ ކަމަށާ، ނަމަވެސް، މި ދުވަސްވަރަކީ އިންސާނުންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަ ދުވަސްވަރަކަށް ވުމުން، އެކަން ކަނޑައަޅަން ދަތިކަމަށްވެސް ދިރާސާގެ މުސައްނިފުން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑަށް އިންފެކްޓްވާ ގިނަ ޖަނަވާރުންނަކީ އެސިމްޓޮމެޓިކް ނުވަތަ، ހަށިގަނޑުން ބަލީގެ އަލާމާތް ނުފެންނަ ޖަނަވާރަތުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި، ބައެއް ޖަނަވާރުތަކުގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށްވެސްވެއެވެ.