ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއެކު ހިންގާ ނޫސްތަކަށް އިންޑިއާ ހައިކޮމިޝަނުން ފިޔަވަޅު އަޅަން ގޮވާލުމަކީ ވެސް ވިއޭނާ ކޮންވެންޝަންއާ ހިލާފްވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ، އިންޑިއާ އާ ދެކޮޅު ހިޔާލާއި ޝުއޫރު ސޯޝަލް

މީޑިއާއާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރާ ކަމަށާއި އެކަމަކީ ނަފްރަތު އުފެއްދުމަށް ކުރާ ކަމެއް ކަމަށް ބުނެ ވިއެނާ ކޮންވެކްޝަންގައި 29 ވަނަ މާއްދާއާ ހަވާލާދީ، ފިޔަވަޅު އަޅަން އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް ގޮވާލައި ފޮރިން މިނިސްޓްރީއަަށް ސިޓީއެއް ފޮނިވާފައި ވަނިކޮށެވެ.

ޑރ. ދީދީ ވިދާޅުވީ، އިންޑިއާ ހައިކޮމިޝަނުން ހަވާލާދީފައިވާ ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގެ ދަށުން ލިބިދޭ ޑިޕްލޮމެޓިކް އިމިޔުނިޓީ ހުއްޖަތަކަށް ހަދައިގެން އެ ކޮންވެންޝަންގެ 41 ވަނަ މާއްދާގެ 1 ގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކުން ރެކުމުގެ ހައްގު އެ އެމްބަސީއަށް ނުލިބޭނެ ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމާއި، ރާއްޖޭގެ ދާހިލީ ކަންތަކުގެ ތެރެއަށް ނުވަނުމަކީ އިންޑިއާ އެމްބަސީގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.

އެހެންކަމުން، “އެމްބަސީގެ ކަރާމަތަށް ދެވޭ ހަމަލާއެއް” ހުއްޓުވުމުގެ ނަމުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވާ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮނިޔަތުގައި އަދާކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދުމަކީ ވިއެނާ ކޮންވެންޝަންގެ 41 ގެ (1) އާ ހިލާފަށް، އިމުޔުނިޓީ ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ހައިކޮމިޝަނުން ޖޫން 24، 2021 ގެ ތާރީހުގައި ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި އަދި ސޯޝަލް މީޑިއާގައި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ލިޔެފައި ހުންނަ ކަމަށާއި އަދި އިންޑިއާގެ ހައިކޮމިޝަނާއި، އެތާނގެ ވެރިންގެ އިތުރުން އިންޑިއާގެ ޑިޕްލޮމެޓުންގެ ގަދަރަށް އުނިކަން ލިބޭ ލިޔުންތައް ފާހަގަވެފައި ވާ ކަމަށެވެ. އަދި އެއީ 1961 ގައި އުފަންވި ވިއޭނާ ކޮންވެންޝަންގެ އާޓިކަލް 29 އާ މުޅިން ހިލާފު ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

އެ މާއްދާއާ ހަވަލާދީ ހައިކޮމިޝަނުން ބުނީ އެތަނާއި އެތަނުގެ ސްޓާފުން އުޅޭ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށާއި، އިންޑިއާ އާއި ދެކޮޅު ހިޔާލާއި ޝުއޫރު ފާޅުކުރާ ފަރާތްތަކާ މެދު ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގުވާމީ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށެވެ.

އިންޑިއާ ހައިކޮމިޝަނުން މިފަދަ ސިޓީއެއް ފޮނުވާފައި މިވަނީ ރާއްޖޭގެ ދުވަހު ނޫހެއް ކަމަށް ވާ 'ދިޔަރެސް' ނޫހުގައި އިންޑިއާ ހައިކޮމިޝަންގެ އިސް އޮފިޝަލަކާ ގުޅޭ ޒާތީ ބައެއް މައުލޫމާތު ހިމެނޭ ހެން "ރާއްޖޭގައި ހުންނަ އިންޑިއާގެ ނައިބު ސަފީރު: މުޑުދާރު ތުހުމަތުތަކެއް ކުރެވޭ ނުރައްކާތެރި މީހެއް" ގެ ސުރުހީގެ ދަށުން ލިޔުމެއް ޝާއިއުކޮށްފައި ވަނި ކޮށެވެ.

އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީއާ ގުޅިގެން ފޮރިން މިނިސްޓްރީން މިވަގުތު ކޮމެންޓް ކުރާކަށް ބޭނުމެއް ނުވެއެވެ. އަދި މި މައްސަލައިގައި ދިވެހި ސަރުކާރުންވެސް އެއްޗެއް އަދި ނުބުނެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުުމުގެ ތެރެއިން ހިންގަމުން އަންނަ ޕްރޮޖެކްޓްތަކާ ގުޅިގެން މީޑިއާ އާއި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އަންނަނީ ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ފާޑުކިޔަމުންނެވެ. އެކިއެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އެއްބަޔަކު ގޮވަމުން އަންނަ އިރު އިންޑިއާއަށް މި ސަރުކާރު ވިކިފައި ތިބޭ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.