ސްކޫލު ބަންދާ ދިމާކޮށް އައިޖީއެމްއެޗް އިން ހިތާނީ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މި ކޭމްޕްގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ އައިޖީއެމްއެޗް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެންނެވެ. އަދި ހިތާނު ކުރާނީ އައިޖީއެމްއެޗްއާއި ހުޅުމާލެ ހޮސްޕިޓަލްގެ ސާޖަރީ ޑޮކްޓަރުން ކަމަށާ ހިތާނު ކުރުމަށްފަހު އެޑްމިޓް ކުރާނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން އޮގަސްޓްމަހުގެ 05 ވަނަ ދުވަހާ ހަމައަށްށެވެ. އަދި ނަންނޯޓުކުރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 01 ވަނަ ދުވަހުން ފެށިގެން ޖުލައި 07 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން 03:00 އަށް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

މި ކޭމްޕުގައި ހިތާނު ކުރަން ހަމަޖެހިފައިވަނީ ޖުމުލަ 200 ކުދިންނެވެ. އަދި ހިތާނު ކުރުމުގެ އެއްހަފްތާ ކުރިން ސާޖަރީ ޑޮކްޓަރަށް ދެއްކުމާއި، ހޭނައްތާ ޑޯކްޓަރަށް ދެއްކުން އަދި ހަދަންޖެހޭ ޓެސްޓްތައް ހެދުމުގެ އިންތިޒާމު އައިޖީއެމްއެޗް އިން ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ހިތާނު ކުރުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓް ރިޕޯޓެއް އޮންނަންވާނެކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ. އަދި މި ޓެސްޓް ހެދުމުގެ އިންތިޒާމްވެސް ހަމަޖައްސައިދެވޭނެކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ސުކޫލު ބަންދާ ދިމާކޮށް އައިޖީއެމްއެޗް އިން އަންނަނީ ހިތާނީ ކޭމްޕް ބާއްވަމުންނެވެ.