ކުޑަކުދިން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ 2019، 2020 އަދި 2021 ގައި މާލެ އާއި އަތޮޅު ތެރެއިން ހުޅަހެޅި މައްސަލަތަކުގެ ތެރެއިން ކުޑަކުދިން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށެވެ.

ފުލުހުން ބުނީ 2019 ވަނަ އަހަރު މާލެއިން ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ 69 މައްސަލައަކާއި އަތޮޅުތެރެއިން 49 މައްސަލައެއް ހުށަހަޅާފައި ވާ ކަމަށެވެ. އަދި 2020 ވަނަ އަހަރު މާލެއިން ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ 37 މައަސަލައަކާއި އިތޮޅުތެރެއިން 36 މައްސަލައެއް ހުށަހަޅާފައި ވާ ކަމަށެވެ. 2019 ވަނަ އަހާރާއި އަޅާބަލާއިރު 2020 ވަނަ އަހަރު މާލެއާއި އަތޮޅު ތެރެއިން ވަނީ ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް މަދުވެފައެވެ.

އަތޮޅު ތެރެއިން ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ އެންމެ ގިނަ މައްސަލަތައް ރިޕޯޓް ކޮށްފައި ވަނީ ކ އަތޮޅުންނެވެ. އެއީ 2019 ވަނަ އަހަރު 9 މައްސަލައަކާއި 2020 ވަނަ އަހަރު 6 މައްސަލައެކެވެ.

2019 އިން މި އަހަރު ގެ މިހާ ހިސާބަށް މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ކުޑަކުދިން ނުހިމެނެނީ ބ، ފ އަދި ދ އަތޮޅުގައެވެ.

2019 ވަނަ އަހަރާއި އަޅާބަލާއި 2020 އަދި 2021 ވަނަ އަހަރުގެ މިހާ ހިސާބަށް ކުޑަކުދިން ހިމެނޭ ކުށްތައް މަދުވެފައިވާ ކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

ކުޑަކުދިން ހިމެނޭ ކުށްތަކުގެ ތެރޭގައި ދެން އެންމެ ގިނައީ ވައްކަމާއި އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށް ފުލުހުން ފާހަގަކުރެއެވެ. މިދިޔަ 2019 ވަނަ އަހަރު މާލެއިން ވައްކަމުގެ 17 މައްސަލައަކާއި އަނިޔާ ކުރުމުގެ 16 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި އަތޮޅޫ ތެރެއިން ވައްކަމުގެ 31 މައްސަލައަކާއި އަނިޔާ ކުރުމުގެ 40 މައްސަލައެއް ހުށަހެޅި ކަމަށް ފުލުހުން ބުނެއެވެ. 2020 ވަނަ އަހަރު މާލެއިން ވައްކަމުގެ 4 މައްސަލައަކާއި އަނިޔާ ކުރުމުގެ 14 މައްސަލައެއްގެ އިތުރުން އަތޮޅުތެރެއިން ވައްކަމުގެ 26 މައްސަލައަކާއި އަނިޔާ ކުރުމުގެ 33 މައްސަލައެއް ހުށަހެޅި ކަމަށް ފުލުހުން ބުނެއެވެ.