ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތް ދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވީ، އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ހަދައި މިހާތަނަށް ފާހަގަކުރެވުނު ކަންކަން، ރައީސް އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އިންޓެލިޖެންސްގެ ފުރިހަމަ ރިޕޯޓެއް (ފައިނަލް ރިޕޯޓު) ރައީސަށް ވަރަށް އަވަހަށް ލިބިވަޑައިގަންނަވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

އެމްއެންޑީއެފް އަދި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ހަތަރު ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި އެކަން ކުރަން ރައީސް އެންގެވީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންތަކެއް ހިމެނޭ އެ ކޮމިޓީގައި އިސްކޮށް ހުންނެވީ ސެކްރެޓެރީ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީސް އައިޝަތު ނޫޝީން ވަހީދު އެވެ.

ރައީސް ސޯލިހް ކުރީން ވިދާޅުވީ ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދެވުނުއިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށެވެ. އަދި ސެކިއުރިޓީއާ ގުޅޭ އެސެސްމެންޓެއް ހަދަން އާންގަވާފައިވާނެ ކަމަށާއި އިންޓެލިޖެންސްއެއްގެ އޮޑިޓެއް ވެސް ހަދަންވެސް އަންގަވާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިންޓެލިޖެންސް ނުލިބުނު މައްސަލައިގެ އޮޑިޓެއް ހަދަން ރައީސް ސޯލިހް އަންގަވާފައިވާއިރު، ހަމަލާ ދިން ދުވަހު ނޫން އަނެއް ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެފަދަ އިންޓެލިޖެންސެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްއެންޑީއެފުން ވެސް ބުނެފައި ވަނީ އެފަދަ ކަމެއް ކުރަން އުޅޭ ކަމުގެ ކުޑަ ހިލަމެެއްވެސް ލިބިފައި ނުވާ ކަމަށެވެ.

މި ބޮމުގެ ހަމަލާ ތަހުގީގު ކުރަމުންދާ އިރު މަޖިލީހުގެ 241 ކޮމެޓީން ވެސް ދަނީ ބޮމުގެ ހަމަލާގައި ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލަމުންނެވެ. އެ ގޮތުން އެ ކޮމިތީން ސިފައިންގެ އަދި ޕޮލިހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހާޒިރުކޮށްފައިާއިރު ނަޝީދުގެ ބޮޑީ ގާޑު ވެސް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ.