މިއަދު ޖުމްލަ 138 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 351 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 13 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 105 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 07 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 13 މީހެކެވެ. ހަމައެއާއެކު މިއަދު 351 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި 231383 މީހުންނާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 9402 އެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 3602 އަށް ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 3815 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 73،798 އެވެ. މީހުންގެ ތެރެއިން 69،974 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 210 އަށް އަރާފައެވެ. އެގޮތުން މި މަހު މަރުވެފައި ވަނީ 49 މީހެކެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 480 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 60،041 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 162 މީހަކު މަރުވެފައެވެ.

މި މަހު ކޮވިޑް ކޭސްތައް މިވަނީ މިދިޔަ މެއި މަހާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. މި މަހު ކޭސްތައް މިވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައި ވާތީ މާދަމާއިން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ވަނީ ނިންމާފައެވެ.