އިންޑިއާ އާ ދެކޮޅު ހިޔާލާއި ޝުއޫރު ސޯޝަލްމީޑިއާއާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރާ ކަމަާއި އެކަމަކީ ނަފްރަތު އުފެއްދުމަށް ކުރާ ކަމެއް ކަމަށް ބުނެ ފިޔަވަޅު އަޅަން އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އިންޑިއާ ހައިކޮމިޝަނުން ޖޫން 24، 2021 ގެ ތާރީހުގައި ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި އަދި ސޯޝަލް މީޑިއާގައި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ލިޔެފައި ހުންނަ ކަމަށާއި އަދި އިންޑިއާގެ ހައިކޮމިޝަނާއި، އެތާނގެ ވެރިންގެ އިތުރުން އިންޑިއާގެ ޑިޕްލޮމެޓުންގެ ގަދަރަށް އުނިކަން ލިބޭ ލިޔުންތައް ފާހަގަވެފައި ވާ ކަމަށެވެ. އަދި އެއީ 1961 ގައި އުފަންވި ވިއޭނާ ކޮންވެންޝަންގެ އާޓިކަލް 29 އާ މުޅިން ހިލާފު ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
އާޓިކަލް 29 ގައި ބުނަނީ، ޑިޕްލޮމެޓަކީ ރައްކާތެރިކަން ލިބެންޖެހޭ މީހެއް ކަމަށާއި، އޭނާގެ ގަދަރާއި ކަރާމާތާއި މިނިވަންކަން އޭނާ ހުންނަ ގައުމެއްގެ ސަރުކާރަކުން ރައްކާތެރި ކޮށްދޭން ޖެހޭނެ ކަމަށެވެ.
އެ މާއްދާއާ ހަވަލާދީ ހައިކޮމިޝަނުން ބުނީ އެތަނާއި އެތަނުގެ ސްޓާފުން އުޅޭ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށާއި، އިންޑިއާ އާއި ދެކޮޅު ހިޔާލާއި ޝުއޫރު ފާޅުކުރާ ފަރާތްތަކާ މެދު ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގުވާމީ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށެވެ.
އިންޑިއާ ހައިކޮމިޝަނުން މިފަދަ ސިޓީއެއް ފޮނުވާފައި މިވަނީ ރާއްޖޭގެ ދުވަހު ނޫހެއް ކަމަށް ވާ 'ދިޔަރެސް' ނޫހުގައި އިންޑިއާ ހައިކޮމިޝަންގެ އިސް އޮފިޝަލަކާ ގުޅޭ ޒާތީ ބައެއް މައުލޫމާތު ހިމެނޭ ހެން "ރާއްޖޭގައި ހުންނަ އިންޑިއާގެ ނައިބު ސަފީރު: މުޑުދާރު ތުހުމަތުތަކެއް ކުރެވޭ ނުރައްކާތެރި މީހެއް" ގެ ސުރުހީގެ ދަށުން ލިޔުމެއް ޝާއިއުކޮށްފައި ވަނި ކޮށެވެ.
އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީއާ ގުޅިގެން ފޮރިން މިނިސްޓްރީން މިވަގުތު ކޮމެންޓް ކުރާކަށް ބޭނުމެއް ނުވެއެވެ. އަދި މި މައްސަލައިގައި ދިވެހި ސަރުކާރުންވެސް އެއްޗެއް އަދި ނުބުނެއެވެ.
އަވަސް ކުރޭ ފިޔަވަޅު އަޅާ ތިބައިވަރުގަނޑު ބުނާ ކަމެއް ވިއްޔާ ކުރަން ދިވެހި ސަރުކާރު މިއަދު ފަސްނުޖެހޭނެ މިއަދު ދިވެހިން ތިބީ ވަރަށްވެސް ދެރަކޮށްފަ ސަރުކާރުން މިއަދު އިންޑިއާ ބުނިގޮތެއް ވީއާ ހަދާ ބުނިމީހަކު ހަތްޔަރު ކުރަން އޮތީ ވައުދުވެފަ!
ރައްޔިތުންނަށް ވަގަށް ރާއްޖޭގެ އެތަން މިތަނުގައި ސިފައިން ބައިތިއްބާފައި ރާއްޖޭގައި އެކި ޕްރޮޖެކްތައް ހިންގަނީ ސީދާ ހައިކޮމިސަނުން ކަމުގަ ބުނެ ޓްވީޓުތައް ކުރާއިރު އެކަމާ ދެކޮޅު ނުހަދާ ހިމޭނުން ތިބޭނީ ޤައުމުގައި ތިބި ޤައްދާރުން އެކަނި. އެހެން މީހުން މަޑަކުން ނުތިބޭނެ