ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ދިއްފުއްޓާއި ކ. ހިންމަފުއްޓަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ކުންފުނިން މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށްޓައިފައިވާ ކަމަށެވެ.

ހިންމަފުށި އަދި ދިއްފުށީގައި ގާއިމްކޮށްފައިވާ މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މި ދެރަށުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި އިގްތިޞާދަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލެ ފިޔަވައި ކ. އަތޮޅުގެ 6 ރަށެއްގައި މިވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްދެވިފައި. އަދި މީގެ އިތުރުން މާފުށި އަދި ކާށިދޫގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުންވެސް މިދަނީ ހިދުމަތް ފޯރުކޮށްދެމުން.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

ބީއެމްއެލް އިން ވަނީ ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗްގެ އިތުރުން 73 ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމްކޮށްފައެވެ. އަދި 134 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންނާއި 234 އޭޓީއެމް ވެސް ބީއެމްއެލް އިން ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާ ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.