އަދާ ޖެހުނު އިރުވެސް ބަލީގެ އަސްލު ދެނެގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ މީހުންގެ ހަށިގަނޑުން، އާ ބާވަތެއްގެ ވައިރަހެއް ފެންނަމުން އަންނަ ކަމަށް، އަވަށްޓެރި އިންޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ލިޔުމުން އާންމު ކުރި ބަޔާނެއްގައި، އިންޑިއާގެ ވެރިރަށް ދިއްލީގެ ގަންގާ ރާމް ހޮސްޕިޓަލުން ބުނީ، ކޮވިޑްގެ 5 ޕޭޝަންޓެއްގެ ހަށިގަނޑުން، ސައިޓޯމެގަލޯވައިރަސް (ސީއެމްވީ) ފެނިފައި ވާ ކަމަށެވެ. އެގޮތުން ސީއެމްވީއާ ގުޅިގެން ފުރަގަސް ފަރާތުން ލޭ އައުމުގެ 5 ކޭހެއް ރިޕޯޓް ކޮށްފައި ވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއީ އިންޑިއާއިން ރިޕޯޓް ކުރި ފުރަތަމަ 5 ކޭހެވެ.

މި ވައިރަސް، އިންސާނުންގެ ހަށިގަނޑަށް ވަންނަނީ، ނުރައްކާތެރި ކޮވިޑް-19އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ތައްޔާރު ވުމުންނާ، ކޮވިޑް-19ގެ ނުރައްކަލުން ހަށިގަނޑު ސަލާމަތް ކުރުމަށް ބޭނުން ކުރާ ބޭހުގެ ސަބަބުން ކަމަށް ބުނެވެއެވެ. ކޮވިޑް-19އަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ސްޓެރޮއިޑް ފަދަ ބާރުގަދަ ބޭސްތަކުގެ ސަބަބުން، ޕޭޝަންޓްގެ ދިފާއީ ނިޒާމު ބަލިކޮށް، އާންމު އިންފެކްޝަންތަކަށް އެ މީހާގެ ހަށިގަނޑުން ފުރުސަތު ތަނަވަސް ކުރެއެވެ.

ދިއްލީގެ ގަންގާ ރާމް ހޮސްޕިޓަލުން ބުނީ، މި ފަދައިން ފުރުސަތު ހޯދާ އެއް އިންފެކްޝަނަކީ ސީއެމްވީ ކަމަށާ، އިންޑިއާގެ އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތް ނުފެންނަ 80-90 ޕަސެންޓް ޕޭޝަންޓުންގެ ހަށިގަނޑުގައި ސީއެމްވީ އެކުލެވޭ ކަމަށެވެ. އަލާމާތްތައް ފެންނަ ކޭސްތަކަށް ބަލާއިރު، ސީއެމްވީ ފެންނަނީ، ދިފާއީ ނިޒާމު "ގުރުބާންވެފައިވާ" މީހުންގެ ހަށިގަނޑުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ވަރުގަދަ ރާޅަކާ ކުރިމަތިލި އިންޑިއާއިން، ކޮވިޑަށް ޕޮޒިޓިވްވި ޕޭޝަންޓުންގެ ހަށިގަނޑުން ވައިޓް ފަންގަސް އަދި ބްލެކް ފަންގަސްގެ އަސަރު ފެނިފައި ވާ ކަމަށްވެސް މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން، މި ދަނޑިވަޅަކީ، ކޮވިޑްގެ އާ ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ޕްލަސް ވޭރިއަންޓްވެސް އިންޑިއާއިން ފެންމަތިވެފައިވާ ދަނޑިވަޅެއް ކަން ފާހަގަ ކުރަންޖެހެއެވެ.