ކޮވިޑުން ރަނގަޅުވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތް ހަދައިފިއެވެ.

މިޙާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުހ ވިދާޅުވީ، މިބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ޖުލައި 1 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

"ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން، 60 ދުވަހުގެ ތެރޭގައި ކަރަންޓީނުވުމަކާ ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ފުރުސަތު އެބަ ލިބިދޭ،"
ރައީސް ސޯލިހް

ރައީސް ވިދާޅުވީ، ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށާއި، ކަރަންޓީނު ވާންވެސް ނުޖެހޭނެ ކަމަށެވެ.

މިދިޔަ އޭޕްރިލް މަސްތެރޭގައި ރާއްޖޭގައި ކޮވިޑް ކޭސްތައް މަތިވެ ދަތުރުފަތުރުގެ އިންތިޒާމްތަކަށް ގެނައި ބަދަލުތަކާ އެކުވެސް ވެކްސިންގެ ދެ ޑޯޒް ހަމަކުރުމުން ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ހުއްދަ ދިނެވެ. ނަމަވެސް ފަހުން ޕޮޒިޓިވް ވާ އަދަދުތައް އިންތިހާއަށް މަތިވާން ފެށުމުން 2 ޑޯޒް ޖެހި ނަމަވެސް ދަތުރުކޮށްފިނަމަ ކަރަންޓީނު ވާން ޖެހޭ ގޮތަށް ބަދަލު ކުރިއެވެ. އަދި އޭގެ ފަހުން ދިން ލުއިތަކުގެ ތެރޭގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަވެސް ދިނެވެ. ނަމަވެސް ޕޮޒިޓިވް ރަށަކުން އެހެން ރަށަކަށް ދާ ނަމަ ކަރަންޓީނުވާން އޭރުވެސް ޖެހުނެވެ.

މިއަދު ކޮވިޑް ޖެހި, ބަލިން ރަނގަޅުވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރަން ހުއްދަ ދިން އިރު ވެކްސިންގެ 2 ޑޯޒް ހަމަކުރި މީހުންނަށް ދަތުރު ކުރުމަށް ލުޔެއް އިއުލާނު ކޮށްފައެއް ނުވެއެވެ.