ކާފިއު ގަޑި ކުޑަކޮށް ހުރިހާ ވިޔަފާރިއެއް ހުޅުވާލަން ހުއްދަ ދީފިއެވެ. ކާފިއު ގަޑި ކުޑަކޮށްފައި ވަނީ ރޭގަނޑު 8 އިން ފަތިހު 4 އަށެވެ.

މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާއްވަވަމުން ގެންދަވާ ޕްރެސް ކޮންފަރެންސްގައި ކާފިއު ލުއިތައް އިއުލާން ކުރައްވަމުން ވިދާޅުވީ، މިހާރު އިރުއޮއްސި 6 އިން ފަތިހު 4 އަށް އޮތް ކާފިއު ވަގުތު މި ފެށޭ ޖުލައި 1 އިން ފެށިގެން ރޭގަނޑު 8 އިން ފަތިހު 4 އަށް ކުޑަކޮށްފައި ވާކަމަށެވެ.

މި ބަދަލާއެކު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ތަފާތު އެކި ހިދުމަތްތައް ދޭ ތަންތަން ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުޅުވާލަން ވަނީ ހުއްދަ ދީފައެވެ. މި ބަދަލާއެކު ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެ ކައިބޮއެ ހެދުމާއި ފާސް ނެތި ބޭރުގައި އުޅުންފަދަ ލުއިތައް ލިބޭނެއެވެ.

އަދި މިސްކިތްތަކުގައި ގައިދުރު ކަމާއެކު ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދު ލުއި ތަކަކާއެކު ލޮކްޑައުން ކޮށްފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު، ކާފިއު ގަޑި ހަވީރު 4 އިން ހެނދުނު 8 އަށް އޮތް އޮތުން ހަވީރު 6 އިން ފަތިހު 4 އަށް ބަދަލުކޮށް މިހާރު ވަނީ ރޭގަނޑު 8 އިން ފަތިހު 4 އަށް ބަދަލު ކޮށްފައެވެ.

ރާއްޖޭގައި އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 155 މީހެކެވެ. އޭގެ ތެރެއިން 28 މީހަކު ޕޮޒިޓިވް ވީ މާލެ ސަރަހައްދުންނެވެ.