ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ ޖުލައި މަހުގެ 4 ގައި ހުޅުވަން ނިންމައިފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން މިކަން ރައީސް އޮފީހުން ހާމަ ކުރާނެވެ.

މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާއްވަވާ ޕްރެސް ކޮންފަރެންސްގައި އެކަން އިއުލާން ކުރައްވާފައެއް ނުވެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް އެނގިފައި ވާގޮތުން އޮފީތައް އާންމުކޮށް ހުޅުވާލި ނަމަވެސް މަސައްކަތްތަކަށް މުވައްޒަފުން ނެރެން ނިންމާފައި ވަނީ އެންމެ މަދުން ބޭނުންވާނެ ގޮތްތަކެއް ބަލައިގެންނެވެ.

މިއަދު ރައީސް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އަންނަ ޖުލައި 1 އިން ފެށިގެން ދޭނެ ގިނަ ލުއިތަކެއް ވަނީ އިއުލާން ކުރައްވާފައެވެ. އޭގެ ތެރޭގައި ކާފިއު ގަޑި ކުޑަކޮށް ހުރިހާ ވިޔަފާރިއެއް ހުޅުވާލަން ހުއްދަ ދިނުން ހިމެނެއެވެ. ކާފިއު ގަޑި ކުޑަކޮށްފައި ވަނީ ރޭގަނޑު 8 އިން ފަތިހު 4 އަށެވެ.