އަވަށްޓެރި އިންޑިއާގެ ޓެމިލް ނާޑޫގެ ކަނޑުގެ ސަރަހައްދު ތަގައްޔަރު ވަމުން ދިއުން ގުޅިފައި ވަނީ، ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް ރޯވެ، އަނދާ، ފެތިފައިވާ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓާ ކަމަށް، އިންޑިއާއިން ތުހުމަތު ކޮށްފިއެވެ.

ޓެމިކަލް ނާޑޫގެ ރާމޭސްވަރަމްއޭ ކިއުނު ހިސާބުގަނޑުގެ މަސްވެރިން ވަނީ، އެ ހިސާބުގަނޑުގެ ކަނޑުގެ ސަރަހައްދަށް، ނުބައިވަހެއް ދުވާ ފޮނުގަނޑު ޖަމާވަމުން އަންނަ ކަމުގެ ޝަކުވާ އުފުލާފައެވެ. އަދި އައްސޭރި ފަށުގެ ފެންގަނޑުވެސް ތަގައްޔަރު ވެފައި ވާ ކަމުގެ ޝަކުވާ ވަނީ ލިބިފައެވެ.

ދައުރުވަމުންދާ ބައެއް މަންޒަރުތަކުންވެސް، ލޮނުގަނޑުގެ ތެރޭގައި ފޮނާއި އެނޫންވެސް ތަގައްޔަރުކަން އެކުލެވޭތީ ފެންކަމަށް، އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މި ކަންކަމަކީ، ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހިނގި އެކްސް-ޕްރެސް ޕާލް ހާދިސާއާ ގުޅުން ހުރި ކަމަކަށް ވެދާނެ ކަމަށް، ސަރަހައްދީ މަސްވެރިން ތުހުމަތު ކުރެއެވެ.

ކެމިކަލް ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށް ރޯވެ، ލަންކާގެ ކަނޑުގެ ސަރަހައްދަށް ފެތިފައިވާ އެކްސް-ޕްރެސް ޕާލް ބޯޓު / ފޮޓޯ: ލަންކާ ނޭވީ

ޕަމްބާން ގަލްފް އޮފް މަނާރު ސަރަހައްދުގެ ގޮނޑުދޮށްތަކުން އެތައް ކިލޯމީޓަރަކަށް ތަގައްޔަރު ފޮނުގަނޑު ފެތުރިފައި ވާއިރު، ކަނޑުގެ ސަރަހައްދުން 50-100 މީޓަރުގެ ސަރަހައްދެއްގައި މި ފޮނުގަނޑު އުފެދިފައި ވާ ކަމަށް ހަބަރު ލިބެއެވެ. މިއީ މޫސުމީ ކަމެއް ނޫން ކަމަށް، ސަރަހައްދީ މަސްވެރިންގެ ފެޑަރޭޝަނުން ބުނެއެވެ. އެހެނީ، ފޮނުގަނޑުގެ ތެރެއިން ޕްލާސްޓިކް ކޮޅުތައް ފެންނަމުން ދިއުން ކަމަށްވެއެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރފަތުރުގެ ނިޒާމުގެ ތެރެއިން، ނުރައްކާ މުދަލުގެ ގޮތުގައި ބަލާ ގިނަ ބާވަތްތަކެއްގެ މުދާ، ގިނަ އަދަދަކަށް ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށް، ރޯވެ، އަނދަމުން ދިޔަތާ ގިނަ ދުވަސްތަކަކަށް ފަހު، ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓު، ލަންކާގެ ކަނޑުގެ ސަރަހައްދަށް ފެތުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

މި ހާދިސާއަކީ، ލަންކާގެ ސަރަހައްދީ އިން ހުރަސްކޮށް، އެހެން ހިސާބުތަކަށް ގެއްލުން ދެނިވި ނުރައްކާތެރި ހާދިސާއަކަށް ވާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބަކާރުން ވަނީ ދީފައެވެ.