ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން، އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިން ބޭއްވި ހަފްލާ ސިޔާސީ ކުރުމުން އެ ކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

އެ ހަފްލާގައި ބައިވެރިވި ދިވެއްސަކު "ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާކުރަމުން ބުނީ އެ ކަމަކީ ސަރުކާރުގެ ސިޔާސީ ހަރަކާތްތައް އިސްތިހާރުކޮށް އެ މީހުންގެ އެޖެންޑާ ފެތުރުމަށްޓަކައި ހިންގި ވަރަށް ނާތަހުޒީީބީ އަމަލެއް ކަމަށާއި އެތަނުގާ އުޅޭ ވަރަށް ގިނަ ދިވެހި އާއިލާތަކުން ވަނީ މި އަމަލުގެ ސަބަބުން ނުރުހުން ފާޅުކޮށްފައި ކަމަށެވެ.

އެ ހަފްލާގައި ޝާހިދު ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.

އޮސްޓްރޭލިއާގެ ވެސްޓާން ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ގިނަ ބަޔަކު ބައިވެރިވެފައި ވަނީ މިނިސްޓަރު ޝާހިދުގެ އެދިލެއްވުމަށް ކަމަށް ވެސް އެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. ވައިބާ ގްރޫއްޕުގައި މި ކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއިރު މި ހަފްލާގެ ކަންކަން އެއްވެސް ވަރަކަށް އެންމެންނަށް އެނގިގެންދާނޭ ކަމުގެ އެއްވެސް ވާހަކައެއް ނުދެކެވޭ ވާހަކަ ވެސް އެ ފަރާތުން ވަނީ ހިއްސާކޮށްފައެވެ.

އިތުރަށް އެ ފަރާތުން ބުނީ ސަރުކާރުގެ ކަންކަން ރަނގަޅަށް ކުރިއަށްދާކަން ހާމަކޮށްދޭން މި ހަފްލާގެ ފޮޓޯ އާންމު ކުރުމާއި ގުޅިގެން އެތައް ދިވެހީންނެއް ދަނީ ނުރުހުންތެރިކަން ފާޅުކުރަމުންނެވެ.

މިކަމުގެ ސަބަބުން އޮސްޓްރޭލިޔާގައި ދިރިއުޅޭ ދިވެހިންގެ ގުޅުމަށް އަންނާނެ ނޭދެވޭ އަސަރުތަކާއި މެދު ކަންބޮޑުވައި ކަމާއި ކުރިޔަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ވެސް އެފަރާތުން ވަނީ އެދިފައެވެ.