ނަފްރަތު ނައްތާލަން ބޭނުންނަމަ ޖެހޭނީ އަދުލުވެރިވާން ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރުމުން ފިޔަވަޅު ނޭޅޭކަމަށާއި ދީނީ އިލްމުވެރިއަކަށް ފެންނަ ރައުޔެއް ވިދާޅުވުމުން ބިރު ދައްކައި ކަންކަން ކުރާކަމަށެވެ.
ޑރ.ޝަހީމް އިތުރަށް ވިދާޅުވީ ނަފްރަތު އުފެދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.
ޑރ.ޝަހީމް މިފަދައިން ވިދާޅުވި އިރު އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގައި ބައިވެރިވުމާއި އާންމު ތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ބިލެއް ހުށައަޅުއްވާފައެވެ.
ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި ބިލާ ދެކޮޅަށް ގިނަ ދީނީ އިލްމުވެރިން އަންނަނީ އަޑުއުފުލަމުންނެވެ. އަދި ބިލް އަނބުރާ ގެންދިއުމަށް އެދި 101 އިލްމްވެރިއެއްގެ ސޮޔާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް މި މަހު ވަނީ ހުށައަޅާފައެވެ.