ކުޑަކުދިންގެ ކުށުގެ މައްސަލަތަކުގައި ހިމެނޭ ކުދިންގެ ކަރާމާތަށް އުނިކަމެއް ނާންނާނެ މިންވަރަށް މައުލޫމާތު ހިއްސާ ކުރަން ޖެހޭ އިރު، އެފަދަ ކަންކަން ކުރާ ނޫސްތަކަށް އަދަބު ދިނުމަށް ވުރެ ހޭލުންތެރިކުރުވުން މުހިންމު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވެފައި ވަނީ ދާދި ފަހުން ކިޑްނެޕްކުރުމަށް ފަހު މަރާލާފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ މައްސަލައިގައި ބައެއް ނޫސްތަކުން ކުއްޖާގެ ވަނަވަރު އަދި ކުއްޖާގެ ބެކްރައުންޑްއާ ދިރިއުޅުމާ ބެހޭ ގޮތުން ބައެއް މައުލޫމާތު ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ ބްލޮގްގައި "ހަފްތާގެ ރިވިއު" ނަމުގައި 4 ވަނަ އޯޑިއޯ ޕޯސްޓް ހިއްސާ ކުރައްވަމުން ޝަމީމް ވިދާޅުވީ، ކުށުގެ މައްސަލައިގައި ހިމެނޭ ކުއްޖެއްގެ މައުލޫމާތު ހާމަ ކުރުމާބެހޭ ގޮތުން ހިޔާލު ތަފާތުވުމެއް އެބަ އޮތް ކަމަށެވެ. އަދި އެކަމުގައި ގާނޫނު އޮތް ގޮތް ވަރަށް ސާފު ކަމަށެވެ.
އެފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ މައުލޫމާތު ހާމަކުރަން ވާނީ ވަކި ވަރަކަށް ކަމަށާއި އެކުއްޖެއްގެ ކަރާމާތަށް އުނިކަން ނާންނާނެ މިންވަރަށް ކަމަށް ޝާމީމް ވިދާޅުވިއެވެ. މިކަމުގައި މުހިންމީ ހޭލުންތެރިކަން އިތުރުވެ، މިބާވަތުގެ ކަންކަން ތަކުރާރު ނުވުން ކަމަށާއި އަދި ކޮންމެހެން ނޫސްތަކަށް އަދަބު ދިނުން މުހިންމު ނޫން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ކުޑަކުދިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިންވެސް ނޫސްތަކުން ކުޑަކުދިންގެ މައްސަލަތަކުގައި މައުލޫމާތު ހިއްސާކޮށްފައިވާ ކަން ހާމަ ކުރައްވަމުން ޝަމީމް ވިދާޅުވީ ކުޑކުދިންގެ އަދުލުގެ ގާނޫނުގައި މިހާރު 15 ވަނަ މާއްދާގައި ގާނޫނާ ހިލާފްވާ ކުޑަކުދިންގެ ކޮންމެ މައްސަލައެއްގެ ހަބަރު ޝާއިއު ކުރުމުގައި ވަކި ފަރާތަކަށް ނުޖެހި އެފަންނުގެ އެންމެ މަތީ މިންގަނޑުތަކަށް މީޑިއާތަކުން ތަބާ ވާންވާނެ ކަމަށެވެ. އަދި ހަމަ އެމާއްދާގައި ކުއްޖާގެ މަސްލަހަތަށް އިސްކަންދީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރަން ވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ހަމައެއާއެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނޫގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލުމާތު އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ހަމަ އެ މާއްދާގައި ކުށްކުރި ކަމަށް ތުހުމަތުވާ ކުއްޖާއާއި ކުށުގެ ޝިކާރައަކަށް ވާ ކުދިންގެ މައުލޫމާތު ހާމަކުރުމުގައި އެއްވެސް މީޑިއާއަކުން އެ ކުދިންނަކީ ކޮން ބައެއްކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ތަސްވީރެއް ހާމަ ނުކުރެވޭނެ ކަމާށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމީމް މިހެން ވިދާޅުވީ އިރު ދާދި ފަހުން ކިޑްނެޕްކޮށް މަރާލާފައި އޮއްވާ ފެނުނު ކުއްޖާއާ ގުޅޭ ގޮތުން މިޑިއާތަކުން އަންނަނީ އެ ކުއްޖާއާ ބެހޭ ގިނަ ވާހަކަތައް ހިއްސާ ކުރަމުންނެވެ. އެގޮތުން ކުއްޖާގެ ވަނަވަރު ހާމަކޮށް ކުއްޖާގެ ދިރިއުޅުމާއި އާއިލާގެ މައުލޫމާތުތައް ވެސް ބައެއް މީޑިއާ ތަކުން ވަނީ ގެނެސްދީފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ޝާމީމް ވިދާޅުވީ، މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ބިރުވެރި ކަމެއް ކަމަށެވެ. އަދި މި ކަމުގައި ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މި މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލައިގައި، ރަހީނުކުރުމުގެ މައްސަލައަކާއި، މަރުގެ މައްސަލައަކާއި ޖިންސީ ކުށުގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި މި މަސައްކަތުގައި، ޕްރޮސިކިއުޓަރުން ވެސް އެބަ ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ތަހުގީގަށް އެ ކއުްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ އިރު، މި ހަފްތާ ތެރޭ އެކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފިނުވަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެ ކުއްޖާގެ ހަށިގަނޑު ފޮނުވާނެ ސީދާ ތާރީހެއް ފުލުހުން ހާމައެއް ނުކުރެއެވެ.