"ލަންގް ޓްރާންސްޕާންޓް" އެއް ހަދައި، ހިތުގެ "ލައިގޭޝަން" އެއް ހަދަން ޖެހޭ އަސްރާގެ އޮޕަރޭޝަން އަށް 2.3 މިލިއަން ޕައުންޑް ހަރަދުވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ފުވައްމުލަކު ސިޓީއަށް އުފަން އުމުރުން 30 އަހަރުގެ އާމިނަތު އަސްރާ އަކީ އުފަން ވީއިރުވެސް ހިތުގެ މައްސަލައެއް ހުރި އަންހެނެކެވެ. އަސްރާ ތަހައްމަލު ކުރަމުން ދާ ވޭނަށް ލުޔެއް ލިބެން އޮތީ "ލަންގް ޓްރާންސްޕާންޓް" އެއް ހަދައި، ހިތުގެ "ލައިގޭޝަން" އެއް ހަދައިގެންނެެވެ. ނަމަވެސް ފަރުވާއަށް ބޭނުންވާ ފައިސާ ނުލިބި އަދިވެސް ވަނީ އަސްރާގެ އޮޕަރޭޝަން ކުރެވޭގޮތް ނުވެފައެވެ.

މިމަހު 9 ވަނަ ދުވަހުވެސް އަސްރާ ސްޓްރޯކެއް ޖެހިގެން އިތުރު ފަރުވާއަށް ފުވައްމުލަކުން މާލެ ގެނެސް ހަތަރު ވަަރަކަށް ދުވަސް ވާންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އަސްރާއަށް ސްޓްރޯކެއް ޖެހުނު އިރު، އަސްރާގެ ބަލީގެ ސަބަބުން އޭނާގެ މޭ އަންނަނީ ހަލާކު ވަމުންނެވެ.

''ދަ ޕްރެސް'' އަށް މައުލޫމާތު ދެމުން އަސްރާގެ ފިރިމީހާ ޔާސިރު އަހުމަދު ކިޔައިދިން ގޮތުގައި، މިހާރު ދިރިއުޅެން ޖެހިފައި ވާ ހާލުން އަރައިގަތުމަށް، ޔޫކޭއަށް ގޮސް ކުރަން އުޅޭ އޮޕަރޭޝަނަށް 2.3 މިލިއަން ޕައުންޑް ހަރަދުވާނެ ކަމަށާއި އެހެންނަމަވެސް، އެ އޮޕަރޭޝަނަށް ބޭނުންވާ މިންވަރާ ގާތަށްވެސް އަދި ފައިސާ ނުލިބޭ ކަމަށެވެ.

https://www.facebook.com/helpasraforlunghearttransplant/posts/1717247718464014

''ދަ ޕްރެސް'' އަށް މައުލޫމާތު ދެމުން އަސްރާ ބުނީ އެންމެ ތުއްތު އިރުއްސުރެ ވެސް އުޅެން ޖެހުނީ ބޮޑު ވޭނެއްގައި ކަމަށާއި ހިނގައިގަނެވުނީ އެ އުމުރުގެ ކުދީން ހިނގައިގަންނަ ވަރަށް ވުރެ މާ ފަހުން ކަމަށެވެ. އަދި އެއް އުމުރެއްގެ ކުދީން ދުވެ، ކުޅެ ހަދާ މަންޒަރު ފެނުނަސް ޖެހުނީ ބާކީ ވެފައި އިންނަން ކަމަށެވެ. އަބަދުވެސް ބައްޔެއް ހުންނަކަން އިނގޭ ކަމަށާއި ބައްޔަކީ ކޮބައިކަން ދެނެގަނެވުނީ 2018 ވަނަ އަހަރު ކަމަށްވެސް އަސްރާ ވަނީ ބުނެފައެވެ.

"ހިތުގަ، އަސްރާ އެންމެ ކުޑައިރުން ފެށިގެންވެސް އުފެދިފައި ހުންނަ ލޯވަޅެއް. ހިތުގެ ލެފްޓް ޗެމްބާއާއި ރައިޓް ޗެމްބާއާ ދޭތެރޭގައި، ހުންނަ ގެޕެއް. އެއީ މައިމީހާގެ ބަނޑު ތެރޭގައި އޮންނައިރު، ހުޅުވިފައި އޮންނަން ޖެހޭ ގެޕެއް. ކުއްޖާ ދުނިޔެއަށް އުފަން ވުމަށް ފަހު ބަންދުވާން ޖެހޭ. ނަމަވެސް އަސްރާ އުފަންވެގެން، އެ ގެޕް މި ހުންނަނީ ބަންދު ނުވެ"
އަސްރާގެ ފިރިމީހާ ޔާސިރު

މިހާ ހިސާބަށް އައުމުގައި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން ޔާސިރު ފާހަގަކޮށް ޝުކުރު އަދާ ކުރެއެވެ. އަދި އެ އާއިލާއަކީ 'މާ ލިބިގެން އުޅޭ އާއިލާއެއް ނޫން' ކަމަށް ވާތީ މާލީގޮތުން އަދިވެސް އެ އާއިލާ ވަނީ އެހީތެރިކަން ބޭނުން ވެފައެވެ. އަސްރާ އަށް އެހީވާން ބޭނުންވާ ފަރާތްތަކުން އަސްރާގެ ފިރިމީހާ، ޔާސިރު އަހުމަދު 7795796 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

'ދަ ޕްރެސް'ގެ ދުއާއަކީ މާތް ﷲ އާމިނަތު އަސްރާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.