ކޮވިޑް-19 ކޭސްތައް އިތުރުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން މަޝްވަރާކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ އަޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލިނަމަވެސް މިހާރު ވަނީ ވަކިވަކި މީހުން މިސްކިތަށް ގޮސް ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލާފައެވެ.
ކޮވިޑް ކޭސްތައް މިހާރު ދަށްވާން ފަށާފައިވާއިރު ފިޔަވަޅުތަކަށް ވެސް ދަނީ މަޑުމަޑުން ލުއިދޭން ފަށާފައެވެ. އެގޮތުން މިހާރު ކާފިއު ހިންގާނީ ހަވީރު 6 އިން ފަތިހު 4 އަށެވެ.
މީގެ އިތުރުން ސެލޫންތައް ހުޅުވުމަށް ހުއްދަ ދޭން ނިންމި ގޮތަށް ހިދުމަތްދޭ ޕްލޭން ހުށަހަޅައިގެން ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ހުއްދަ ދެވޭ ޖިމްތައް ހުޅުވޭނީ ފަތިހު 5 އިން އިރުއޮއްސި 6 އަށެވެ.
އޭގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށާއި ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި އަދިވެސް އަމަލު ކުރަމުން ދާނީ ކުރީގެ އުސޫލާ އެއްގޮތަށް ކަމަށެވެ.