ފަލަސްތީނުގެ މައި ސަރުކާރު ނުވަތަ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ދިޔަ އެކްޓިވިސްޓް، ނިޒާރު ބަނަތު، ޕީއޭގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ވަނިކޮށް މަރުވި މައްސަލާގައި، ފަލަސްތީނުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިންނާއި، ސަރުކާރަށް އެއްބާރުލުން ދޭ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިންގައިފިއެވެ.

ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ބަނާތު މި ދުނިޔެ ދޫކޮށްފައި ވާއިރު، އޭނާ ހައްޔަރު ކުރަން އައި 24 ވަރަކަށް އޮފިސަރުންގެ ޓީމުން، އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދިން ކަމަށް، އާއިލާއިން ބުނެއެވެ. އެގޮތުން، މުގުރާއި ދަގަނޑު ބުރި ބޭނުންކޮށްގެން ބަނާތުގެ ބޮލަށް އަނިޔާ ދީފައި ވާ ކަމަށް، ބަނާތުގެ އާއިލާއިން ބުނެއެވެ.

ސިލްސިލާ މުޒާހަރާތައް 3 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައި ވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރާމައްލާގައި ހުންނަ، ޕީއޭގެ މަރުކަޒީ އިދާރާ ކައިރިއަށް ޖަމާވެ، ރައީސް މަހްމޫދު އައްބާސްއާ ދެކޮޅަށް އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ، ފަލަސްތީނުގެ ވެރިކަން ބަދަލު ކުރަން ރައްޔިތުން ބޭނުން ވާ ކަމަށެވެ. މި މޭރުމުން، މުޒާހަރާގެ ބައިވެރިން ވަނީ، ރައީސް ކަމުގެ މަގާމުން އައްބާސް، ފައިބާވަޑައިގަތުމަށްވެސް ޑިމާންޑްކޮށްފައެވެ.

މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ އިސްމަތު މަންސޫރު، ރޮއިޓާޒް ނިއުސް އޭޖެންސީއާ ވާހަކަ ދައްކަމުން ބުނީ، ރައްޔިތުން ބޭނުން ވަނީ ސިޔާސީ އިސްލާހެއް ކަމަށާ، އެ ބަދަލަކީ، ރައްޔިތުންގެ މަސްލަހަތު ރަމްޒުވާ ފަދަ އިސްލާހަކަށް ވާންޖެހޭ ކަމަށެވެ.

ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ދިޔަ އެކްޓިވިސްޓް، ނިޒާރު ބަނަތުގެ ހައްގުގައި ކުރަމުން ދާ މުޒާޙަރާގެ ތެރެއިން / ފޮޓޯ: ބީބީސީ

މުޒާހަރާގެ ބައިވެރިން، އައްބާސްގެ އޮފީހާ ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް އައްބާސްގެ ސަޕޯޓަރުންގެ ގުރޫޕަކުން، މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމުން، ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތަކެއް ހިންގި ކަމަށްވެސް ހަބަރު ލިބެއެވެ. މީގެ އިތުރުން، ރަޔަޓް ގިޔަރުގައި ނިކުމެ ތިބި، ފަލަސްތީނުގެ ސަލާމަތީ ފައުޖުތަކުންވެސް ބާރުގެ ބޭނުން ކުރި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، ކަރުނަ ގޭހުގެ އިތުރުން، ސްޓަން ގްރެނޭޑް ބޭނުން ކޮށްފައި ވާ ކަމަށްވެއެވެ.

ކުރިމަތިލުންތަކުގައި އަނިޔާ ލިބުނު މީހުންގެ ތެރޭގައި 5 ނޫސްވެރިއަކު ހިމެނޭ ކަމަށް އަލްޖަޒީރާއިން ހަބަރު ދެއެވެ. އޭގެ ތެރޭގައި 4 އަންހެން ނޫސްވެރިން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އަނިޔާ ލިބުނު އެއް ނޫސްވެރިއަކީ ޝަތާ ހައްމާދުއެވެ. އޭނާ ބުނި ގޮތުގައި، ޕީއޭގެ ސަލާމަތީ ބާރުތަކުން، ކަނޑައެޅިގެން ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާ ދީފައިވެއެވެ. އަދި އާންމު ރައްޔިތުންނަށް ހަމަލާ ދިނުމުގައި، ކުލަ ހެދުމުގައި ތިބި ފުލުހުން ބައިވެރިކޮށްފައި ވާ ކަމަށްވެސް ހައްމާދު ތުހުމަތު ކުރެއެވެ.

ސިއްހީ މަސްދަރުތަކުން ހަބަރު ދޭ ގޮތުގައި ކުރިމަތިލުންތަކުގައި 20 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

ކަން މިހެން އޮތް އިރު، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ، އައްބާސްއާ ދެކޮޅު، ފަތަހަ ޖަމާއަތުގެ ތަރުޖަމާނު ހާޒިމު ގާސިމު ވަނީ، ޕީއޭގެ އަމަލުތައް ހުރީ ޖިނާއީ ކުށުގެ ރޫހެއްގައި ކަމަށް ސިފަކޮށްފައެވެ. ޕީއޭގެ އަމަލުތައް ހުރީ ހުރިހާ ގާނޫނުތަކާ، އިންސާނިއްޔަތުކަމުގެ ރޫހާ ހިލާފަށް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ފަލަސްތީނުގެ ބައެއް ރައްޔިތުން ސިފަކުރާ ގޮތުގައި ޕީއޭއަކީ، އިޒްރޭލުން ހިންގާ އިސްތިއުމާރީ ބާރުގެ ސަބްކޮންޓްރެކްޓަރެކެވެ. 4 އަހަރުގެ ވެރިކަމުގެ ދައުރަކަށް 2005 ވަނަ އަހަރު އިންތިހާބު ކުރެވުނު އައްބާސްއަކީ، ސަލާމަތާ ގުޅުން ހުރި ކަންކަމުގައި އިޒްރޭލާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް، އައްބާސްއަށް ފާޑުކިއާ ފަރާތްތަކުން ބުނެއެވެ.