ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ ގެ އާންްމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން، އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ވެސްޓާން އޮސްޓްރޭލިއާގެ ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވަޑައިގަން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައްޖެއަށް މި އިންތިހާބު ކާމިޔާބު ކުރެވުމަކީ ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބަލައިގެންފައި ވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާ ހަރުދަނާކޮށް ގެންގުޅުއްވާ ކަމަށްޓަކައި ރާއްޖޭގެ ރައީސަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝާޙިދު ވިދާޅުވެފައި ވަނީ މި އިންތިހާބުން ކުދިކުދި ގައުމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އަދާކުރެވިދާނެ ރޯލު ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި ކުދި ގައުމުތަކަށް ލީޑާޝިޕް ދެއްކުމަށް ރާއްޖެއަށް މިވަނީ ފުރުސަތު ލިބިފައިކަމަށާ މިކަމުގައި ދިވެހި ހާރިޖިއްޔާގެ މުވައްޒަފުން ދެމި ތިބޭނެކަމަށް ވެސް ޝާހިދު ފާހަގަ ކުރައްވާފައިވެއެވެ.

ޝާހިދު ވަނީ އެކިއެކި ކަންކަމުގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުން އެހީތެރިކަން ބޭނުންވާ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔެ އޮތް ވަގުތަކަށް ވުމާއެކު، ދިމާވާ ދަތިތަކާއެކު ވެސް ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މި ހަފްލާގައި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުންދާ ގިނަ އަދަދެއްގެ ކިޔަވާކުދިންވެސް ވަނީ ބައިވެރިވެފައެވެ.